މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަށް ވުމުން ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ އެންމެ ހޫނު ދުވަސްވަރަށް ކަމަށްވާތީއާ އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށެވެ. ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަހައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން ކަމަށެވެ.

އެހެންކަމުން ކަރަންޓު ބޭނުންކުރުމުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ކުރުމަށާއި، ކަރަންޓު އިގުތިސާދު ކުރެއްވުމަށް މަސައްކަތް ކުރުމަށް ވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ މި ދުވަސްވަރު އިހުސާސް ކުރެވޭ ހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށްވެސް އަރާފައިވާކަން ފާހަގަކޮށްފައެވެ. މިހެން ދިމާވަނީ ވިލާ މަދުވެ ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުންނެވެ. އެކަން އެހެން ދިމާވުމުން ވައިގެ ހޫނުމިނަސް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެއެވެ.

މީގެ އިތުރުން މިއަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން އަންނަ މޫސުމީ ބަދަލަށް ކިޔާ ނަމެކެވެ. އެލްނީނޯގައި އޮއި ބާރުވެ ވައިބާރުވެ ފިނި ހޫނިމިން މައްޗަށް ގޮސް މޫސުމީ ގިނަ ބަދަލުތަކެއް އާދެއެވެ.

ރާއްޖެއަށް މި ދުވަސް ވަރު ހޫނުމިން މަތިވެފައި ވާ އިރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާ ވަގުތަކީ މެންދުރު ފަހުގެ 2 ޖަހާ ހާއިރެވެ. މެޓްގެ އިލްތިމާސަކީ ރައްކާތެރިވެގެން އުޅުން ކަމަށް ވާ އިރު ފުލުހުންވެސް ބުނެފައި ވަނީ, ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ.