ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 35 ޕަސެންޓު ނިމިފައިވާ ކަމަށާ މި މަސައްކަތް ކުރިއަށް ދަނީ ތާވަލަށްވުރެ އަވަހަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.

މުއްތޮލިބު މިފަދައިން ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫތަކުގެ ތަފުސީލުތައް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ފަހުން އެކުލަވައިލި ތާވަލާ އަޅައިބަލާއިރު 1.11 އިންސައްތަ ކުރީގައި ކަމަށެވެ.

މިދިޔަ ސަރުކާރުން ފެށި ބްރިޖުގެ މަޝްރޫއަކީ އަވަސް މުސްތަގުބަލެއްގައި ނިންމޭނެ ތަނެއް ކަމަކަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ. ކުރިން ދީފައިވާ މުއްދަތަަށް މަސައްކަތް ނުނިމި ލަސްވުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި މަޝްރޫ އަވަހަށް ނިންމާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެފައި ވަނީ ސެޕްޓެމްބަރު 30، 2026 އެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއުގެ ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ 500.20 މިލިއަން ޑޮލަރަށެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.