ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އަށް މަސް ދުވަހަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިވަގުތު އެ ސަރަހައްދުގެ ބިން ހިއްކުން ކުރިއަށް ނުދާ ނަމަވެސް މަޝްރޫއު ހުއްޓިފައި ކަމަށް ބުނާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މަސައްކަތުގައި މައިގަނޑު ދެ މައްސަލައެއް އުޅުއްވާކަން ފާހަގަ ކުރައްވަމުން މުއްތަލިބް ވިދާޅުވީ ސީއެމްސީ އާއި ނެދަލެންޑްސްގެ ބޮސްކާލިސްއާ އެކު އެއްބަސްވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބޮސްކާލިސް އިން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރާއިރު، އެ މަސައްކަތުގައި ބޭނުން ކުރަނީ އެންމެ ޑްރެޖަރެއް ކަމަށާއި އެ ކުންފުނީގެ ވިސްނުމަކީ ގުޅިފަޅު ހިއްކާ ނިމުމުން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެ ޑްރެޖަރު ބޭނުން ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ކޮންޓްރެކްޓަރު ވެސް ވީހާ ވެސް ހަރަދު ކުޑަކޮށް މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް ބޮޑަށް ގަބޫލު ކުރެވެނީ މިކޮޅުގައި އޮތް ޑްރެޖަރު ބޭނުން ކުރަން ވިސްނާފައި އޮތީ،" މުއްތަލިބް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ 'ރަސްމާލެ' ގެ ހިއްކާފައިވާ ބިމުގައި ސަރުކާރުގެ ބައެއް ބޭފުޅުން ހަރަކާތްތެރިވަނީ / ފޮޓޯ: އިބްރާހީމް އަބާން | ޓްވިޓާ

ދެވަނަ ކަމަކަށް މުއްތަލިބް ފާހަގަ ކުރެއްވީ މަސައްކަތް ފެށިއިރު، އެ ސަރަހައްދުން ވެލި ނެގުމަށް މާ ބޮޑު ސަރަހައްދެއް ސްޓަޑީކޮށްފައި ނެތް ކަމަށާއި ކުރިން އޮތީ މަސައްކަތް ފަށާފައި ވެލި ހޯދުން ކުރިއަށް ގެންދަން ނަމަވެސް މަސައްކަތް ކުރިއަށް ގެންދާ ވަރަށް ފުރަތަމަ ވެލި ނެގި ސަރަހައްދުގައި މަސައްކަތް ކުރިއަށް ގެންދާ މިންވަރަށް ވެލި ނެތުމުން، ވެލި ހޯދުން ފުޅާ ކުރަން ބޭނުންވާކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށް ދައުލަތުން ހަރަދެއް ކުރަން ނުޖެހޭއިރު އެ ސަރަހައްދު ހިއްކަނީ ބަދަލުގެ ގޮތުގައި ސީއެމްސީއަށް އެ ސަރަހައްދުން 70 ހެކްޓަރުގެ ބިން ދޭންޖެހޭ ގޮތަށެވެ.