ބެނާއާއި ޕޯސްޓަރު ހަރުކުރަން ޕޭވްމަންޓަށް ހޮޅިޖަހާނަމަ ނަގާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިފަދައިން ބުނެފައިވަނީ މި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން މިހާރުކުރިއަށްދާއިރު އެފަދައިން ކެމްޕެއިން ބެނާއާއި ޕޯސްޓަރުތައް ހަރުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެ ފަދައިން ޖަހާފައިވާ ހޮޅިތައް ސިޓީ ކައުންސިލުން ނަގާފައިވާއިރު އެ ކައުންސިލުން ބުނީ އިޝްތިހާރު ބެނާއާއި ކޭމްޕޭން ޕޯސްޓަރު ހަރުކުރުމަށް މަގުމަތީ ޕޭވްްމަންޓަށް ހޮޅިޖެހުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެގޮތަށް ޖަހާ ހޮޅިތައް ކައުންސިލުން ނަގަމުންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން މިފަދައިން އަންގާފައިވާއިރު އިއްޔެ އެޗްޑީސީއިން ވެސް ވަނީ އެފަދަ އެންގުމެއް އަންގާފައެވެ.
އެގޮތުން އެޗްޑީސީއިން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ކެމްޕެއިން ކުރުމަށް ހުޅުމާލެގެ އެކި އެކި ސަރަހައްދުގައި ހަރުކުރަމުންދާ ބެނާއާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރާތްތަކުން އަޅާފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންގޮސްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި، ހިދުމަތް މެދުކެނޑޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ ކުރިއަށް އޮތްތަނުގައި މިފަދަ ކެންވާސްތަކާއި ބެނޭތައް ހަރުކުރާ ފަރާތްތައް އެ ކަމަށް ސަމާލުވެ، ކެމްޕެއިން ތަކެތި ހަރުކުރުމުގެ ކުރިން އެ ކޯޕަރޭޝަންގެ ހުއްދަ ހޯއްދަވައި ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.