ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރާއިރު އިތުރު ފިޔަވަޅުތަކަކާ އެކު ޑޮލަރުގެ އާންމު ރޭޓް އަދިވެސް ދަށަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ރާއްޖޭގެ އޮގްތިސޯދު އޮތް ހާލަތުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި ޕްލޭންތަކާއި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށެވެ.
އެ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޑޮލަރުގެ ރޭޓް މައްޗަށް ދާން ފަށާފައި އޮތް ނަމަވެސް ރޯދަ މަހާއި އުމްރާ އާއި ހައްޖަށް ދިއުމުގެ އިތުރުން ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ޑޮލަރުގެ ރޭޓް ދަށަށް ދާ ކަން ފާހަގަވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރު ރޭޓް ދަށަށް ދާނެ ކަމަށައި އެކަން ހާސިލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ކަޅު ބާޒާރުގައި ޑޮލަރު ރޭޓް، ރޯދައިގެ ކުރިން އުޅުނީ 18 ރުފިޔާ އާއި 20 ރުފިޔާ އާ ދެމެދުގައެވެ. ނަމަވެސް މިހާރު އެ އަގު މިވަނީ 17 ރުފިޔާ ލާރިކޮޅަކަށް ވެއްޓިފައެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައިގައި ދާދި ފަހުން ވަނީ އިމިގްރޭޝަންއާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކާ ހަތް ބިދޭސީއެއް އަތުލައިގެން އެމީހުން ވަނީ ޑީޕޯޓް ކޮށްލަން ނިންމާފައެވެ. އިމިގްރޭޝަން އިން ވަނީ މި ފަދަ އިތުރު އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ހިންގާނެ ކަމަށް ބުނެފައެވެ.
މިއަދު އަލީ އަކްބަރު ފޮނުވާލީމަ ޖަހަންގީރުގެ ނަމުގައި މާދަން ހުންނާނީ ރާއްޖޭގަ. ބައެއް ފަހަރު އަލީ އަކްބަރު ގެ ބަދަލުގައި ފޮނުވާލެވެނީވެސް ޖަހަންގީރު.