ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކުރުމުގެ ބަދަލުގައި، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅައިފިއެވެ.

ޑީޖޭއޭ އިން އިއްޔެ ކޯޓުތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ވޯކް ފްރޮމް ހޯމްގެ ދުވަސްތަކެއްގެ ގޮތުގައި އެ ޑިޕާޓްމަންޓުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ދުވަސްތަކަކީ މޯލްޑިވްސް އީކޯޓް މެނޭޖްމަންޓު ސިސްޓަމް (މެމްސް)ގެ ތެރެއިން ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސިފައި ނުވާ ދުވަސްތަކެއްކަމުގައި ޑީޖޭއޭ އިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޑީޖޭއޭ އިން ފޮނުވި ލިޔުމުގައި ވަނީ ކުށާއި ދަރަނީގެ ރެކޯޑުތައް އެންޓާ ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް 11:00 އިން މެންދުރު 01:00 ކުރާނެ ކަމަށް ބުނެފައެވެ.

މެމްސްގައި ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ނޫން ކަމަށް ކަނޑައަޅާފައިވާއިރު މި ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ނުލިބޭނެއެވެ. އެހެންނަމަވެސް ސަރުކާރުގެ މުވައްޒަފުން ފަހު ދިހައެއްގައި ކުރާ މަސައްކަތަށް އުޖޫރަ ހިނގާނީ ރަސްމީ ބަންދު ދުވަހެއްގައި ކުރި މަސައްކަތެއްގެ ގޮތުގައި ބަލައިގެންނެވެ.

ރޯދަމަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާ ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށްކަމަށް ސަރުކާރުން ބުނެފައިވާއިރު މި ދުވަސްތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމުގެ އިންތިޒާމު, އެ މުއައްސަސާއަކުން ކަނޑައެޅުމަށް އަންގަވާފައިވެއެވެ.