މިނިވަންކަން ދިފާއު ކުރުމަށް ކުޑަ ދުވަސްކޮޅެއްގައި މި ސަރުކާރުން ހޯދި ކާމިޔާބީއަކީ ހަތުރުންނާ މިތުރުން ހައިރާން ކުރުވި ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އަސްކަރީ ޑްރޯން އިފްތީތާހު ކުރުމަށް ރޭ މާފަރު އިނިްޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްސާން ވިދާޅުވީ ހަނގުރާމަތައް ކުރެވޭ ގޮތްތައް މިހާރު ބަދަލުވެފައިވާ ކަމަށާ އެގޮތުން މިހާރު ހަނގުރާމަތައް ޓެކްނޮލޮޖީއަށް ބަރޯސާވާއިރު، ހަނގުރާމަ ކުރަނީ ލަަޝްކަރީންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން ކުޑަކުރެވޭ ގޮތްތަކަށް ކަމަށެވެ.
މިއަދު ދިވެހި އަސްކަރިއްޔާއަށް ކޮމާންޑިން ޗީފްގެ އިސްނެންގެވުމާ، ކުރެއްވި ބުރަ މަސައްކަތްޕުޅުން ހޯއްދަވައިދެއްވީ މިފަދަ ވަސީލަތެއްކަން ފާހަގަކުރައްވަމުން އައްސާން ވިދާޅުވީ މިއީ ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދެވޭނެ ނިޒާމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގައި ކުރިއަރާފައި ހުރި ގައުމުތަކުގައި ބޭނުން ކުރާ ޓެކްނޮލޮޖީ ޕްލެޓްފޯމެއްކަން އައްސާން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އައްސާން ވިދާޅުވީ މިއީ ސާވައިލެންސް އާއި ސާޗް އެންޑް ރެސްކިއުއަށް ފޯކަސް ކުރާއިރު ދިމާވާ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ އަލިފާނުގެ ބާރު ހުރި ހަތިޔާރެއްކަމަށެވެ. އަދި މިހަރު ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ދައުރު އޮތީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއިސްތިގުލާލު އޭގެ އާރާއި ބާރު ދޭހަވާ ގޮތަށްކަމަށް އައްސާން ވިދާޅުވިއެވެ.
އިތުރަށް އައްސާން ވަނީ އެމްއެންޑިއެފްގެ ވައިގެ ބާރުން ދިވެހިންނަށް ފޯރު ކޮށްދޭންޖެހޭ ހިދުމަތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.