ދިޔަވަރު ނޫހާ ގުޅުމެއް ނޯންނާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރުގެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝަނީފު ދެއްކެވި ވާހަކައަށް ރައްދުދެއްވައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީން ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު ދެ ވަނަ ފަހަރަށް ފާސް ކުރިއިރު އޭނާ މަޖިލީހަށް ވަޑައިނުގަތީ ރިޝްވަތު ނަގައިގެން ކަމަށް ބުނެ ޝާހިދު އިސްވެ ހުންނަވައި ދޮގު ހަދަމުންދާ ކަމަށެވެ.
އެ ވާހަކަތައް ދައްކަނީ އެމްޑީޕީގެ މިއަދުގެ ރައީސް ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ލިޔެގެން ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި ޕާޓީގެ މެންބަރުން ފަލީހަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އޭނާ ކުށްވެރިކުރާނެ ކަމެއް ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފްގެ އެ ވާހަކަތަކަށް ރައްދުދެއްވައި ޝާހިދު ވިދާޅުވީ ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އޭނާއާ ގުޅުމެއްވާ ނޫހެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގުވާހަކަތަކެއް ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި، ފިނޑި ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.