ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ)އާ ހިލާފުވުމުން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަމެންޓު ޕްރެޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޅ. ހިންނަވަރުގެ މަގު ހެދުމާ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ ގޮތުން އީޕީއޭއިން ފާސްކޮށްފައިވާ ރިޕޯޓުގައި ހިމެނިފައި ނުވާ މަގު ތަކުގައި މަސައްކަތް ކޮށްފައިވާކަން އެ އޭޖެންސީއިން އެއްކުރި މައުލޫމާތުންނާއި، އެ މަސައްކަތުގެ ކޮންޓްރެކްޓާ ރޯޑް ޑެވެލޮޕްމެންޓު ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އީޕީއޭއިން ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދު 2012 ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން 2،00،000ރ އިން މާޗު 12 ވަނަ ދުވަހު ޖޫރިމަނާ ކޮށްފަ ކަމަށް ބުނެފައެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭ އެ އޭޖެންސީއަށް ދެއްކުމަށްވެސް ވަނީ އަންގާފައެވެ.

ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމަކީ ،ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މަނާ ކަމަށް ވާތީ ދާދިފަހަކުން މާލެ ސިޓީ ކައުންސިލުންވެސް ވަނީ މާލޭމެ މަގުތަކަށް ކުނި އެޅި 100 މީހަކު 500 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.