މާލޭގެ މަގުތަކަށް ކުނި އެޅި 100 މީހަކު 500 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިދިޔަ މަހުން ފެށިގެން 100 މީހުން ޖޫރިމަނާ ކޮށްފައިވާއިވީނަމަވެސް އަދިވެސް މަގުތަކަށް ކުނި އަޅަމުން ދާކަމަށެވެ. ރޭ ކުރެއްވި ޓްވީޓެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި މިހާރު ނަގާފައިވާކަމަށް ބުނެފައެވެ.

މާލޭގެ މަގުތަކުގެ ކުނި ގިނަވެ ގޮނޑު ވެފައިވާއިރު، ވެމްކޯ އިން ވަނީ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ތިން ދުވަހުގެ މުއްދަތަކަށް އާންމު ފަރާތްތަކަށް ހިލޭ ކުނި އުކޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. އެގޮތުން މާޗު 10 ގެ 18:00 އިން މާޗު 13 ގެ 00:00 އާ ހަމައަށް އާންމު ފަރާތްތަކަށް ހިލޭ ކުނި އުކޭނެ ކަމަށާއި މި މުއްދަތުގައި މި ފަރާތްތަކުން ގެންނަ ވެހިކަލް ތަކުގެ އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ނުނަގާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

މާލެ މަގުމައްޗަށް އުކާފައިވާ ގިނަ ކުނިތަކަކީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ. މިފަދަ ކުނި ފުނި ފުނިން މުޅި މާލެ ފުރާލާފައިވާއިރު އެކަމުގެ ސަބަބުން ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތިތައް ވަނީ ކުރިމަތިވެފައެވެ.