އެމެރިކާގެ މަޝްހޫރު އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ވެނިސާ ހަޖެންސް 35، ބަނޑުބޮޑުކަން އިއުލާންކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި 96 ވަނަ އޮސްކާ އެވޯޑު ހަފްލާގެ ރެޑްކާޕެޓުގައި އެކަން ބަތަލާ އިއުލާންކުރުމާއެކު އޭނާގެ ގިނަ ސަޕޯޓަރުންގެ އިތުރުން ގިނަ ސެލެބްރިޓީންނެއް އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ. "ހައި ސްކޫލް މިއުޒިކަލް" ފިލްމުތަކުން މަޝްހޫރުވި ވެނެސާ އޮގަސްޓް މަހު ވިހާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ކޯލް ޓަކާ 27، އާއި މިދިޔަ އަހަރު ކައިވެނިކުރި ބަތަލާ އެންގޭޖްވީ މިދިޔަ އަހަރު ކުރީކޮޅެވެ. ކޯލް އާއި ވެނެސާގެ ގުޅުން އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައީ 2020 ވަނަ އަހަރު ވެނެސާ އިންސްޓަގްރާމަށް ދެމީހުން އެކުގައި ނެގި ފޮޓޯއެއް ޕޯސްޓްކުރަމުން ކެޕްޝަނުގައި "ޑޭޓް ނައިޓް" ޖެހުމުންނެވެ.

މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބަތަލާ ބުނީ ކޯލް އާ އެންމެ ފުރަތަމަ ދިމާވީ ރަހުމަތްތެރިޔަކު ބުނި ބުނުމަށް ޒޫމް އިން ކުރިއަށް ގެންދިޔައި މެޑިޓޭޝަން ގްރޫޕެއްގެ މީޓީންތެރެއިން ކަމަށެވެ. އޭގެ ފަހުން ދެމީހުން ވާހަކަ ދައްކަން ފެށިއިރު ފަހުން މެސެޖުކޮށްގެން ދެމީހުންގެ ގުޅުން ބަދަހިވި ކަމަށްވެސް ވެނިސާ ވަނީ ބުނެފައެވެ.

ވެނިސާ ހަޖެންސް ލޯބީގެ ގޮތުން ގުޅުނު ބައެއް މަޝްހޫރު ތަރިންގެ ތެރޭގައި ޒެކް އެފްރޮން އަދި އޮސްޓިން ބަޓްލާ ހިމެނެއެވެ. "ހައި ސްކޫލް މިއުޒިކަލް" ފިލްމުގެ ސެޓުން ޒެކް އެފްރޮން އާ ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ 2010 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އެކްޓަރު އޮސްޓިން ބަޓްލާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ 2019 ވަނަ އަހަރުގައެވެ.