މި މަހު 10 ވަނަ ދުވަހުގެ ރޭ ބޭއްވި 96 ވަނަ އޮސްކާ އެވޯޑުގެ ގިނަ އެވޯޑުތައް ކާމިޔާބު ފިލްމު "އޯޕަންހީމާ" އަށް ލިބިއްޖެއެވެ.

އެންމެ މޮޅު ފިލްމުގެ މަގާމު މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑް ވެސް ލިބުނު ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ މި ފިލްމަށް ލިބުނު އިރު އޮސްކާގައި މި ފިލްމަށް ވަނީ ޖުމްލަ ހަތް އެވޯޑު ލިބިފައެވެ. އެއީ އެންމެ މޮޅު އެކްޓަރު (ޝިލިއަން މާފީ)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ރޮބަޓް ޑައުނީ ޖޫނިއާ)، އެންމެ މޮޅު ސިނަމަޓޯގްރަފީ، މޮޅު އެޑިޓިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ، އެންމެ މޮޅު ޑައިރެކްޓަރު (ކްރިސްޓޯފާ ނޯލަން) އަދި އެންމެ މޮޅު ފިލްމުގެ އެވޯޑެވެ. ޖުމްލަ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 954.7 މިލިއަން ޑޮލަރު ލިބިފައެވެ.

އޮސްކާ އެވޯޑު ހަފްލާގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ "ޕުއާ ތިންގްސް" އިން ބަތަލާ އެމާ ސްޓޯންސްއަށެވެ. އާންމުންގެ މެދުގައި ވިދާލި ފިލްމު "ބާބީ" އަށް ލިބުނީ އެންމެ އެވޯޑެކެވެ. އެއީ އެންމެ މޮޅު ލަވަ (ވަޓް ވޯޒް އައި މޭޑް ފޯ) އެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ހާއްސަކޮށް އުފެއްދި މި ފިލްމަކީ މިދިޔަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން ނެރުނު އެންމެ މޮޅު ފިލްމުވެސްމެއެވެ. މި ފިލްމަށް ވަނީ އެވޯޑު ހަފްލާތަކުގައި ގިނަ އެވޯޑުވެސް ލިބިގެން ގޮސްފައެވެ.

އޮސްކާގެ ބައެއް އެވޯޑުތައް

އެންމެ މޮޅު ސަޕޯޓިން ބަތަލާ: ޑަ'ވިން ޖޯއި ރަންޑޯލްފް (ދަ ހޯލްޑޯވާސް)

އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: އެނަޓަމީ އޮފް އަ ފޯލް

އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: އެމެރިކަން ފިކްޝަން