އެމްޓީސީސީގެ އާ މެނޭޖްމަންޓް ކުންފުންޏާ ހަވާލުވިތާ 2 މަސް ދުވަސްތެރޭގައި، 20 މަސް ދުވަހު ގުރައުންޑް ކޮށްފައި އޮތް 'މަހާ ޖައްރާފު' އޮޕަރޭޝަނަށް ގެނެސްފިއެވެ.

އެމްޓީސީސީ އިން ބުނީ، މަހާ ޖައްރާފު މަރާމާތު ކޮށްނިމި މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ. ކުންފުނީގެ އެންމެ އަގުބޮޑު އެސެޓް އަދި ޑްރެޖަރު ގޮތުގައި އޮތް މަހާ ޖައްރާފު ވަނީ ގްރައުންޑް ކޯށްފައި ވަނީ ޖޫން 8، 2022 އިން ފެށީގެން 20 މަސް ދުވަހަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މަހާ ޖައްރާފް ގްރައުންޑްކޮށްފައި އޮތުމުގެ ސަބަބުން އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލިއްޔަތު ކަމަށް ވަނީ އެ މުއްދަތުގައި ބޮޑުތަނުން އަސަރުކޮށްފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ބޭރުން ޑްރެޖަރެއް ބޮޑު އަގުގައި ލީސްކޮށްގެން ގެނެސް ބައެއް ބިން ހިއްކުމުގެ މަސައްކަތްތައް ވެސް ވަނީ ކުރަން މަޖުބޫރުވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ. މިކަމުގެ ސަބަބުން ބިން ހިއްކުމުގެ މަޝްރޫއުތަކުން ލިބެން އޮތް ނަފާ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މަހާ ޖައްރާފު ގްރައުންޑް ވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓެނަންސް ނުކުރުމާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަން ޖެހޭ މިންވަރަށް ކުރީ މެނޭޖްމަންޓް އިން ނުބަލާ ފަރުވާކުޑަކޮށްލުން ކަމަށް އެމްޓީސީސީން ބުނެއެވެ. މަހާ ޖައްރާފު ބޭނުން ނުކުރެވި މުޅިއަކު 571 ދުވަސް ހޭދެވެފައިވާ އިރު، 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިންގުމުގެ ހަރަދުގެ ގޮތުގައި މި މުއްދަތުގައި ވަނީ ކުރަން ޖެހިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާމްދަނީ ގޮތުގައި 510 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމުގައި ވެސް މާލީ ހިސާބުތަކުން ފެންނަން އެބައޮތް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިވިޝަންއަށް ލިބޭ އާމްދަނީގެ ތިން ބައި ކުޅަ އެއްބައި ބަރޯސާ ވަނީ ބިން ހިއްކައިގެން ލިބޭ އާމްދަނީއަށް ވާ އިރު މަހާ ޖައްރާފު ފަދަ ބޮޑު ޑްރެޖަރެއް ގްރައުންޑްވެފައި އޮތުމުން އެ ކުންފުނީގެ އާމްދަނީއަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ވީމާ އާ މެނޭޖްމަންޓް އިން މަސައްކަތްކޮށްފައި ވާނީ މަހާ ޖައްރާފު ވީހާވެސް އަވަހަށް އޮޕަރޭޝަންއަށް ގެނައުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ކުރި މަސައްކަތުން އާ މެނޭޖްމަންޓް ހަވާލުވިތާ 2 މަސް ދުވަސް ތެރޭގައި މަހާ ޖައްރާފު ވަނީ އޮޕަރޭޝަންއަށް ގެނެސް ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މޮބިލައިޒް ކޮށްފައެވެ.

މަހާ ޖައްރާފު މިހާރު ދަނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުން ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ 71 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އުނގޫފާރު މަޝްރޫއަކީ މި ސަރުކާރުގެ ޒައާމަތުގައި ފެށި އަދި މިހާރު ނިމުމަކާއި ގާތްވެފައިވާ ބޮޑު މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި މި މަޝްރޫއު ނިންމުމަށް ފަހު ސަރުކާރުގެ އިރުޝާދާއެކު ބިން ހިއްކުމުގެ އެހެން މަޝްރޫތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން އެ ކުންފުނިން ބައެއް ބޮޑެތި ޕްރައިވެޓް ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަޝްވަރާތައް ވެސް ބައެއް ފަރާތަކާއެކު ކުރަމުން އަންނަ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.