ޒަމާނުންސުރެ ދިވެހިންނަކީ ދުރާލާ ރޯދަ މަހަށް ތަރްޔާރުވަމުން އަންނަ ބަޔަކަށްވާއިރު ރޯދައަށް ހާއްސަކޮށް ގެ ސާފުކޮށް، ގޭ ކައިރިއަށް ދޮންވެލިލާ އެއިރެއްގެ ފެންވަރުން އަތްލާ ހިފާ ގެންގުޅޭ ތަކެތި ހޯދައެވެ. ރޯދައަށް ދޮންވެލީ ޒަމާން މާޒީވެ މިއަދު ގޮސް ކުލަލުމާއި ދޮންނަމެޝިން، ސޯފާ އާއި އަތްލާ ހިފާ ގެންގުޅޭ އެއްޗެހި ކޮންމެހެން ބަދަލުކުރަން ޖެހޭ ޒަމާން ދިވެހިން މިދަނީ ދެކެމުންނެވެ. ކުރު ގޮތަކަށް ބުނާ ނަމަ ފެންނަމުން މިދަނީ "ނުފޯރާ ފޮތިން ފޫގަޅާ" ޒަމާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ސާފުތާހިރު ދިވެހި ދިރިއުޅުން ބަދަލުކޮށް އެ ބާބުވެސް މާޒީވެއްޖެއެވެ. ބަދަލުކުރާ ކޮންމެ އެއްޗެއް މަގުމައްޗަށް އުކަމުންދަނީ ހަމައެއް ލަމައެއް ނެތިއެވެ. މި ފަހަކަށް އައިސް ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް މާލޭގެ ކޮންމެ ކަންމައްޗަކުން ފެންނަނީ ހަމަ ބޮޑު ކުނި ގޮނޑެކެވެ. ގެއަށް އާ ތަކެތި ގަނެ، ބޭނުން ނެތިގެން އުކާލާ ދޮންނަމެޝިން، އައިސްއަލަމާރީ، އަވަށް، މިކްސަރު މިފަދަ އެތައް ކުންޏެއް ގެންގޮސް ޖަމާކުރަނީ މަގުމައްޗަށެވެ. މިއީ އެތައް ރައްޔިތުންތަކެއް ދިރިއުޅެމުންދާ ތޮއްޖެހިފައިވާ މާލެއަށް އިތުރު ތަކުލީފަކަށްވާއިރު ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯއާއި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށްވެސް މިއީ ވަރަށް ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.

ދުވާލެއްގެ މައްޗަށް މިހާރު 800 ޓަނުގެ ކުނި ނަގަމުން އަންނަ ވެމްކޯއާއި 10 ޓަނުގެ ކުނި ނަގަމުން އަންނަ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުްނދާ ބުރަ މަސައްކަތަށް އިތުރު ބުރައަކަށް މިކަން މިވަނީ ހަމަ ދިވެހިންނާ ހެދިއެވެ. ބައެއް މީހުންނަކީ އެ ފަދައިން ނެރޭ ކުނި ވެމްކޯއަށް އިތުރު ފީއެއް ދައްކައިގެން އުކާލަމުންދާ ބަޔަކަށްވާއިރު އަނެއް ބައި މީހުންނަކީ އަމިއްލަ ފަރާތްތަކަށް ކުޑަ އަގެއް ދީގެން މިފަދަ ކުނި އުކަމުންދާ ބައެކެވެ.

މާލޭގެ މަގުމައްޗަށް ނެރެފައިވާ ކުނިތަކެއް

ބޮޑެތި އަގުދީ އަހަރަކު އެއް ފަހަރު ގޭގައި ހުރި ހުރިހާ މުދަލެއް އާ ކުރުމުން އެއްވެސް ޖެހިލުމެއް ނުވާއިރު ކުޑަ ފައިސާ ކޮޅެއްދީ، ކުނި އުކާލުމަކީ ކުރެވެންވާނެ ކަމެކެވެ. ގެއަށް އާ މުދާ ވެއްދުމަށްފަހު އިތުރު ހަރަދެއް ކުރުމެއް ނެތި މަގުމައްޗަށް ނެރެ އެއްލާ ލެވޭ ކޮންމެ އެއްޗަކުން އުނދަގުލާއި ގެއްލުންވާނީ ކިތައް ރައްޔިތުންނަށްކަން ވިސްނާ ނުލެވެނީއެވެ.

އާޒިމްގެ ވާހަކައިން ކުންޏާ ގުޅިފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން:

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރު ވިދާޅުވީ މިދިޔަ ދެ ހަފްތާ ކޮންމެ ދުވަހަކު 10 ޓަނުގެ ކުނި ނެގޭ ކަމަށާއި އެގޮތުން މިދިޔަ ދެ ހަފްތާ ޖުމްލަ 140 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި ވެމްކޯވެސް ވަރަށް ހިތްވަރު ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކެޕޭސިޓީ ހުރި ވަރަކުން މަސައްކަތް ކުރަމުންދާ ކަމަށާއި ކެޕޭސިޓީތައް ކިތަންމެ ވަރަކަށް ފުޅާކުރި ނަމަވެސް ގާނޫނުތައް ތަންފީޒުނުވާ ހާ ހިނދަކު ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި ވެމްކޯއިން މިހާރު 500 ޓަނާއި 800 ޓަނާ ދެމެދު އަދަދަކަށް ކުނި ނަގަމުންދާ ކަމަށާއި އެ މީހުންވެސް ވަރަށް ބުރަކޮށް އުޅެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވެމްކޯ މުވައްޒަފަރު ޕްލާސްޓިކް ފުޅިތަކެއް ހިފައިގެން/ ފޮޓޯ: ވެމްކޯ

އާޒިމް ވިދާޅުވީ އެ ގޮތަށް އެތައް މިތަނަށް ކުނި ނޫކާލާހެން ކެޕޭސިޓީ ބިލްޑް ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ކުރަން ޖެހޭ ބައިވަރު ކަންތައްތައް ކަމަށެވެ. އަދި އެއީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުންނާއި ފުލުހުންވެސް ދަނީ ކުނި އަޅާ މީހުން ޖޫރިމަނާ ކުރަމުން ކަމަށާއި ގަވާއިދާ ހިލާފަށް އައިސްއުޅޭ ބިދޭސީއިން މަގުމައްޗަށް ކުނި އެޅުމުން ރާއްޖޭގެ ގާނޫނު ނުހިނގާ ކަމަށެވެ. އެ މީހާ ގެންގޮސް ދޫކޮށްލަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ކަންތައްތައް ހައްލުކުރާނީ ތަންފީޒީ އިދާރާތަކުން މަސައްކަތް ކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ފަދަ ބަޔަކު މި ގައުމުގެ ބިމުގައި ތިބެވިގެންނުވާނެ ކަމަށާއި މި ގައުމުގައި ގާނޫނު ހިންގަން ޖެހޭނެ ކަމަށެވެ. އަދި ފުލުހުންނާ ވާހަކަ ދައްކަމުދާ ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ފުލުހުންގެ ވެސް ކެޕޭސިޓީ ނެތް ކަމަށާއި މުވައްސަސާތަކުގެ ކެޕޭސިޓީ އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް--

ގޭތެރޭގެ ކުނި ދެނީ ނުގަވާއިދުން އުޅޭ ބިދޭސީ އެއް އަތަށް 150 ރުފިޔާ ދިނުމަށްފަހު އުކާލުމަށް ކަމަށާއި އެ މީހާ ގެންގޮސް އުކާލަނީ މަގުމައްޗަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެގޮތަށް އުކާލުމުން އެތަނުގައި ދިރިއުޅޭ އެތައް ރައްޔިތުންނެއް އެ ޒިންމާ ނަގަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުނީގެ މައްސަލައަކީ މާލެއާއި ރާއްޖޭގެ އެހެން ރަށްރަށަށްވެސް ބޮޑުވެފައިވާ މައްސަލައަކަށްވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލައަށް އިސް ކަމެއް ދެއްވައިގެން ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށްރަށުގެ ކުނި ކޮށިތައްވެސް ރަނގަޅު ފެންވަރެއްގައި، ހަގީގީ މާނާގައި ކުނި މެނޭޖް ކުރެވޭނެ ވަރުގެ ކުނި ކޮށިތަކެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.