އުރީދޫގެ އަހަރީ ޖަލްސާ ނިންމާލައިި، ހިއްސާއަކަށް 3.27ރ ގެ މަގުން ބަހަން ފާސްކޮށްފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ޖަލްސާގައި ބައެއް ޝެއާ ހޯލްޑަރުން "ފަހި ވޯޓު" މެދުވެރިކޮށް އޮންލައިންކޮށްވެސް ވަނީ ބައިވެރިވެފައެވެ.

އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން މި ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ. އެގޮތުން ހިއްސާއަކަށް 3.27ރ ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެ އެވެ. އުރީދޫއިން 2022 ވަނަ އަހަރު ހިއްސާގެ ގޮތުގައި ބަހާފައިވަނީ 3.04ރ ގެ މަގުންނެވެ.

މީގެއިތުރުން އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް މި ޖަލްސާގައި ފާސްކޮށްފައިވާއިރު، އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 940،620 ރުފިޔާ ދިނުމަށް ކަނޑައަޅާފައެވެ.

އުރީދޫ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 125 މިލިއަން ރުފިޔާ އިތުރު އަދަދަކަށް ވާއިރު އެ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 560 މިލިއަން ރުފިޔާއެވެ. އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

މި ޖަލްސާގައި އާންމު މެމްބަރުންގެ ތެރެއިން އުރީދޫ ބޯޑަށް ބޭފުޅަކު ވެސް ވަނީ އައްޔަން ކޮށްފައެވެ. އުރީދޫގެ ބޯޑަށް އާއްމު މެމްބަރުންގެ ފަރާތުން ކުރިމަތިލެއްވީ މުހައްމަދު ޝާހިދާއި ފަރީހާ ޝަރީފެވެ. އެ ދެބޭފުޅުންގެ ތެރެއިން ހިއްސާދާރުންގެ 1،053 ވޯޓާއެކު ބޯޑަށް ހޮވުނީ ޝާހިދެވެ. މިހާރު ވެސް ބޯޑުގައި އިންނަވާ ފަރީހާއަށް ލިބިވަޑައިގެންވީ 698 ވޯޓެވެ.