މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް ދާ ދިވެހިން، އާއިލާއަށް ގުޅާލުމަށް ސައުދީ ޕާސްޕޯޓް އީސިމްގެ ހާއްސަ ރޯމިން ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފް ކޮށްފިއެވެ.
އުރީދޫ އިން ބުނީ، ހައްޖުވުމަށް ސައުދީ އަރަބިއްޔާ ދާ ފަރާތްތަކަށް ސައުދީ ޕާސްޕޯޓް އީސިމް އަކީ މި ދަތުރަށް އެންމެ ހާއްސަ ބައިވެރިއަކަށް ވާނެ ކަމަށެވެ.
ސައުދީ އަށް އެތެރެވާ ހިސާބުން ފެށިގެން އެ ސިމް ބޭނުން ކުރެވޭނެ ކަމަށާއި ރޯމިގް ޕެކޭޖަށް 8 ޖީބީ ޑޭޓާ ލިބިގެން ދާ އިރު 30 ދުވަހަށް އެ ޑޭތާ ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މި ޕެކޭޖްގެ އަގަގކީ 800 ރުފިޔާއެވެ.
ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިން ސިމް ކާޑެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. މިއީ އުމްރާއަށް ދާ މީހުންނާއި ހައްޖުވެރިންނަށް ފަސޭހަ ކަމާއެކު އާއިލާ އާ ގުޅާލައި ގުޅުން ބަދަހި ކުރުމަށް އުރީދޫ އިން ތައާރަފްކުރި ހިދުމަތެކެވެ.
މި އަހަރުގެ ހައްޖުގެ ދުވަސްވަރާ ދިމާކޮށް 800 ރުފިޔާއަށް 8 ޖީބީ ޑޭޓާ ލިބޭ ރޯމިން ޕެކޭޖް ތައާރަފްކޮށްފައިވާ އިރު، މިއަދަކީ ހައްޖަށް ދާ ހައްޖުވެރިންގެ ދެވަނަ ފްލައިޓް ފުރާ ދުވަހެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓުގައި 235 ހައްޖުވެރިން ފުރާފައި ވަނީ އިއްޔެއެވެ. މިއަދުގެ ފުލައިޓުގައި 257 ހައްޖުވެރިން ދަތުރު ކުރާއިރު ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރާނެއެވެ. ހައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ފުރާނެއެވެ. މިއަހަރު ހައްޖުގެ އަޅުކަމަށް 992 ދިވެހިން ދަތުރު ކުރެއެވެ.