ޓްވިމްބިޓް އެވޯޑްސްގެ "ޓެލްކޯ އޮފްދަ އިޔާގެ ސްމޯލް މާކެޓްސް" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އިން ދެވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.

މިލިޔަނުން ދަށުގެ އާބާދީތަކަށް ހިދުމަތްދޭ ފަރާތްތަކަށް ހައްސަ މި ކެޓަގަރީއަށް އުރީދޫ މޯލްޑިވްސްގެ އިތުރުން ނޮމިނޭޓްވެފައިވަނީ ރާއްޖޭގެ ދިރާގު، ބޫޓާން ޓެލެކޮމް އަދި ބުރޫނާއީގެ ޑީއެސްޓީއެވެ.

މިދިޔަ އަހަރުވެސް އުރީދޫން މި އެވޯޑު ހާސިލު ކުރިއިރު، މި ކެޓަގަރީގައި އުރީދޫ އާ ވާދަކުރީ ދިރާގުގެ އިތުރުން ޑީއެސްޓީއެވެ.

މިމަހުގެ 27 ވަނަ ދުވަހު ޓްވިމްބިޓް އެވޯޑްސް ދިނުމަށް ސިންގަޕޫރުގެ ފޯސީޒަންސްގައި ބޭއްވި ހަފުލާއެއްގައި އުރީދޫއާ އެ އެވޯޑު ހަވާލުކޮށްފައިވާއިރު އުރީދޫ އިން ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނަށް އިންގާލާބީ ބަދަލެއް ގެނެސްފައެވެ.