އުރީދޫ ނޭޝަން އިންޓަ ކޮލެޖު އީސްޕޯޓްސް ޓޯނަމެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ އިން ބުނީ މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ގައުމީ ފެންވަރުގެ ކޮލެޖު އީސްޕޯޓްސް މުބާރާތް ކަމަށާއި، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އުރީދޫ އިން ބުނީ މި މުބާރާތުގައި ތިން އީސްޕޯޓް ޓައިޓަލަކަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެ ތިން މޮބައިލް ލެޖެންޑް ޓައިޓަލަކީ:
- ބޭންގް ބޭންގް
- ޕަބްޖީ މޮބައިލް
- އީއޭއެފްސީ 25
ބޭންގް ބޭންގް އަދި ޕަބްޖީ މޮބައިލް މުބާރާތް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އޮންލައިންކޮށް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އަދި ބޭންގް ބޭންގްގައި ބައިވެރިވެވޭނީ މަދުވެގެން ހަތަރު ދަރިވަރުން ހިމެނޭ ޓީމުތަކަށް ކަމަށާއި، އަދި ޕަބްޖީ މޮބައިލް ލެޖެންޑްސްގައި ބައިވެރިވެވޭނީ މަދުވެގެން ތިން ދަރިވަރުން ހިމެނޭ ޓީމުތަކަށް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމް ޕޫލެއް ކަނޑައަޅާފައިވާކަމަށާއި، މި މުބާރާތްތަކުގައި ވާދަކުރުމަށް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އެގޮތުން މި މުބާރަތުގައި ރަޖިސްޓްރީވުމަށް ކޮލެޖުގެ ލޯގޯ އާއި ތަމްސީލް ކުރާ ކޮލެޖު އަންގައިދޭ ލިޔުމެއްގެ އިތުރުން ކޮންމެ މުބާރާތެއްގައި ބައިވެރިވުމަށް 100ރ ގެ ފީއެއް ދައްކަން ޖެހޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ ނޭޝަންގެ މި އިނިޝިއޭޓިވް އަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތް ފާހަގަވާ ކަމެއްކަމުގައި އުރީދޫ އިން ވަނީ ބުނެފައެވެ.