ޅޮސްއަލަފުށްޓަކީ ކުރެންދޫގެ އިހްތިސޯސްގެ ތެރެއިން ހިނގާ ރަށަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު ޅ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ އެ އަތޮޅުގެ ކުރެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރެންދޫގައި ބިމުގެ ދަތިކަން އޮތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ރަށު ފަޅު ތެރެއިން ހިއްކާނެ ފަދަ ޖާގައެއް ނެތް ކަމަށެވެ. "ބިން މިއޮތީ ހުސްވެފައި ތަރައްގީއަށް މިއޮތީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައި. ފަޅު ތެރޭގައި ނެތް ހަގީގަތަށް މިރަށުގެ ތަރައްގީއަށް ބޭނުންވާ ވަރަށް ހިއްކޭކަށް." ރައީސް ވިދާޅުވިއެވެ.

އަދި މިހާރުވެސް 50 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރައްވަމުންދާކަމަށާއި ނަމަވެސް މުސްތަގްބަލަށް ބަލާއިރު އެ 50 ހައުސިންގް ޔުނިޓުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިގްތިސޯދީ ކުރިއެރުން ހޯދުމަކީ ކޮންމެ ރަށަކަށްވެސް ހޯދާ ދޭންޖެހޭ ފުރުސަތެއް ކަމަށާއި އެ ފުރުސަތު ކައުންސިލަށާއި ރަށުގައި ދިރިއުޅޭ އާންމު ފަރުދުންނަށް ވެސް ހޯދާ ދިނުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ގަސްދު ކުރަނީ މި ރަށުގެ ކުރިމަގަށްޓަކައި، ދާއިމީ ތަރައްގީއަށްޓަކައި މިތާ މާ ދުރުނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުށްޓަކީ މި ރަށުގެ ބައެއް ކަމުގައި ހަމަޖައްސާދިނުމަށް" ރައީސް ވިދާޅުވިއެވެ. އެ ރަށަކީ މީގެ ކުރިން އެކި އެކި އެގްރީމަންޓް ހަދާފައި އޮތް ރަށެއްކަށް ވުމުން ކުރެންދޫގެ ބަޔަކަށް އެ ރަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީށް ކުރެންދޫއަށް ވަޑައިގަތުން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން ކުރިން ހަދާފައިވާ އެގްރިމެންޓްތައް އޮންނަ އުސޫލުތަކުގެ ތެރެއިން ވަކިކޮށް، ދައުލަތަށްވެސް އޭގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަވާނެހެން އެ ކަންތައް ކޮށް ޅޮސްއަލިފުށީގެ އާންމު މަސްލަހަތު ކުރެންދޫ ރައްޔިތުންގެ ކުރިމަގަށް އެ ރަށް ވަކިކޮށް ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެ ރަށުގެ ބަނދަރު ހެދުމާއި މަގު ހެދުމުގެ މަސައްކަތާއި ފުޓްބޯޅަ އަދި ވޮލީ ކޯޓްގެ މަސައްކަތް ވެސް އެ ރަށުގައި ކުރުމަށް ރޭވިފައި ހުރި ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވީ ކުރެންދޫ ސްކޫލްގެ މަސައްކަތެވެ. އެގޮތުން އެ ރަށުގައި 12 ކްލާސް ރޫމްގެ އިމާރާތެއް އެޅުމަށް ބަޖެޓް ކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ވެސް މިހާރު ހިނގަމުންދާ މަލްޓިޕާޕޯސް ހޯލްގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވާ ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.