މި ހިނގާ ސެޕްޓެމްބަރު މަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރާގައި 4 ރަށަކުން އެތަށް ގެއަކަށް ގެންލުންވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 84 ގެއަކަށް ގެންލުންވެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ވަޒަންކޮށް ނިމިފައިވާ ކަމަށާއި އެހެންކަމުން މިހާރު ކުރިއަށް ދަނީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް ކަމަށް ވެސް އެއޮތޯރިޓީން ބުނެއެވެ.

އެގޮތުން މި ވިއްސާރާގައި އެންމެ ގިނަ ގޭގެއަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވަނީ ޅ.ކުރެންދޫ އިންނެވެ. އެ ރަށުން 66 ގެއަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެ ރަށަށް ކުރި ވިއްސާރާގައި ރަށުގައި ފެންބޮޑުވެ އެމްއެންޑީީއެފްއާއި ފުލުހުން ގުޅިގެން ވަނީ ފެންވެސް ހިއްކާފައެވެ. އަދި ބައެއް ގޭގެ ފަރުނީޗަރުގެ އިތުރުން އިލެކްޓްރޯނިކްސް އާލާތްތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

މީގެ އިތުރުންވެސް އއ.އުކުޅަހުން 15 ގެއާއި އެ އަތޮޅު ފެރިދޫއިން 1 ގެ އަދި ސ.ފޭދޫއިން 2 ގެއަކަށް ގެއްލުންވެ ރިޕޯޓް ކޮށްފައިވުމުން އެ ގެ ތަކަށްވެސް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ގުދުރަތީ ކާރިސާތަކުގައި ލިބޭ އެކިއެކި ގެއްލުމުގައި ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު މާލެއަށް ކުރި ބޯ ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށްވެސް ވަނީ އެ އޮތޯރިޓީން އެހީތެރިކަން ފޯޜުކޮށްދީފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާ ދުވަސްވަރެއް ކަމުން އިއްޔެ ވެސް މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އެދި ބައެއް އަތޮޅު ތަކަށް ހުދު ސަމާލު ނެރެފައެވެ.