މިދިޔަ ސަރުކާރުން ކ. ގުރައިދޫގައި ބިން ހިއްކާފައި ވަނީ އެ ރަށުގެ ރައްޔިތުން ބޭނުންވި ގޮތަށް ނޫން ކަމަށާއި، މި އަހަރުގެ ތެރޭ އެކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުން އޮގަސްޓް 15، 2020 ގައި އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ގުރައިދޫގެ ބިންހިއްކުމުގެ މަޝްރޫއު ނިންމާލާފައި ވަނީ އޭގެ އަހަރެއް ފަހުން ސެޕްޓެމްބަރު މަހުގެ 27 ގައެވެ. އެ މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާފައިވެއެވެ.

ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އެ ރަށުގައި ބިން ހިއްކީ އެ ރަށުގެ ރައްޔިތުން ބޭނުންވީ ގޮތަށް ނޫން ކަމަށް، ކައުންސިލުގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވި ކަމަށާއި، އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވަނީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައި، ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ހިންގުމަށް ކަމަށެވެ.

"ފަންނީގޮތުން ނުކުރެވޭނެ ކަމެއް ކަމުގަ ނުވާހާ ހިނދަކު އެކަމަކަށްޓަކައި ފަހި ކުރަންޖެހޭ ހުރިހާ ކަމެއް ފަހިކޮށްގެން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން އެދޭ ކަންކަން ކޮށްދެން އަޅުގަނޑު ބޭނުންވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާފައި އޮތީ އެ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތާ ގާތަކަށް ވެސް ނޫން ކަމަށާއި، އެހެންވެ އެމަނިކުފާނު ރިޔާސީ އިންތިހާބަށް އޭރު ކުރެއްވި ކެމްޕެއިންގައި އެކަމަށް ހައްލެއް ގެނެސްދެއްވަން ވައުދުވެވަޑައިގެންނެވި ކަމަށެވެ.

"އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގަ މި އަހަރު ތެރޭގަ އިރާދަކުރެއްވިއްޔާ މި މަޝްރޫއު، ބިންހިއްކުން، ފުރިހަމަކުރާނީ ރައްޔިތުން އެދޭ ގޮތަށް،"

"އެހެންވީމާ ކައުންސިލްގެ ކިބައިން އަޅުގަނޑު އެދެނީ ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާކުރައްވައިގެން ހިއްކަން ބޭނުންވާ ސަރަހައްދު ފައިނަލްކުރައްވަން، ކުރައްވަވައި ފަންނީ ގޮތުން އެކަމަކީ ނުކުރެވޭނެ ޒާތަކަށް އޮތް ކަމަކަށް ނުވާހާ ހިނދަކު ހިއްކެން އޮތް އެންމެ ރަނގަޅު ގޮތަކަށް ރައްޔިތުން އެދޭ ގޮތަށް އިރާދަކުރެއްވިއްޔާމު އަޅުގަނޑުމެން އެކަން ކޮށްދީ ނިންމަދޭނަން،"
ރައީސް ޑރ. މުހައްމަދު މުއިއްޒު

އޭރުން ގުރައިދު އަށް ބިން އިތުރުކުރެވިގެން ދާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވި ގޮތުގައި އެ ރަށުން ހިއްކި ބިން ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫޒް ޕްލޭނެއް ހުށަހެޅުމުން ހުރިހާ ކަމެއް ހަމަޖެހިގެން ދާނެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ މުޅިން އެއްކޮށް ބިން ހިއްކައި، އޭގެ ފަހުން އުމްރާނީ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން މި އަހަރު ގުރައިދު އަށް ކޮށްދެއްވާނެ އެހެން ކަންކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން:

  • 25 ކްލާސްރޫމާއި މަލްޓި-ޕާޕަސް ހޯލެއް ހިމެނޭ ބޮޑު ސްކޫލެއް އިމާރާތްކުރަން ފެށުން
  • އެ ރަށު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ވަސީލަތްތައް އިތުރުކުރުން
  • އެ ރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ހައްލުކޮށްދޭން ފެށުން