މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދައިގެ ކުރިން ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ހަފްތާ 14 މަގު ޗާޓުގައި އެ މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ކޫއްޑޫގައި ކުރިއަށް ދިޔަ މުޒާހަރާގައި ފައިސާ ދޭނެ ކަމަށް ދެ ތާރީހެއް ދެއްވާފައިވާނެ ކަމަށާއި އެ ގޮތުން ފުރަތަމަ ތާރީހު، މިދިޔަ މަހުގެ 26 ވަނަ ދުވަހު 100 މިލިއަން ރުފިޔާ ދޭނެ ކަމަށް ވިދާޅުވި ނަމަވެސް 105 މިލިއަން ދޫކޮށްފައިވާނެ ކަމަށެވެ. އަދި ދެވަނަ ތާރީހު، މިދިޔަ އަންގާރަ ދުވަހު 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިހާރުވެސް ފައިސާ ދޫކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އުންމީދު ކުރަނީ ރަމަޟާން މަހުގެ ކުރިއަށް މިހާރު އޮތް ބެކްލޮގް އެއްކޮށް ހަމަ ދައްކާ ހަލާސްކުރެވޭނެ ކަމަށް ކަމަށެވެ. އަދި 5 މާޗްގައި ފައިސާ ދޫކުރަން ފެށިއިރު އޭރުގައި ހުރީ 180 މިލިއަން ރުފިޔާ ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިހާރު ބެކްލޮގްގައި ހުރީ 147 މިލިއަން ރުފިޔާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ފިނޭންސްއާއި މިފްކޯ އަދި މިނިސްޓްރީވެސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ހަމަ ރޯދައިގެ ކުރިން އެ ފައިސާ ދައްކާ ހަލާސްކުރުމުގެ މަސައްކަތް ކަމަށެވެ. އެހެންނަމަވެސް ފައިސާ ދޫކުރުމުގައި ލަސްކަމެއް އުޅޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސްގެ އަމާޒަކީ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކޭނެ ހިސާބަށް ވާސިލުވުން ކަމަށާއި އުނދަގުލަކީ ސަރުކާރާ ހަވާލުވިއިރު އޮތް މާލީ އުނދަގޫ ހާލަތު ކަމަށެވެ. އަދި ޝިޔާމް ވިދާޅުވީ 5 މާޗުގައި ދޫކުރެވުނީ 25 ޖެނުއަރީއާ ހިސާބަށް ހުރި ފައިސާ ކަމަށާއި އަދި އެއް މަހަށްވުރެ ގިނަ ދުވަހުގެ ފައިސާ ނުދެވި ހުރި ކަމަށެވެ.