ގޯހެއް ހެދިއްޖެކަން ރައްޔިތުންނަށް ގަބޫލު ކުރެވޭ ކަމަށާއި ރައްޔިތުން ތިބީ ހެދުނު ގޯހުން ސަލާމަތްވުމަށް މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ގައްދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު އަހްމަދު ސައީދުގެ ކެމްޕެއިން ޖަގަހަ ހުޅުުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުން މުހިންމުކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ގައުމު އޮތީ ހަމަމަގުން ކައްސާލާފައި ކަމަށެވެ. އަދި ކަންކަން ހައްލުކޮށް ހަމަ މަގަށް އެޅުވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަޖިލީހުގެ މެޖޯރިޓީ ހޯދުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށް ދެއްކި ހުވަފެންތަކާ، ހެދި ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތައް ރައްޔިތުންނަށް ހާމަވެ އެނގެމުންދާ ކަމަށެވެ. އަދި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ވެސް ރަށްރަށުން އެ މެސެޖު ލިބެމުންދާ ކަމަށެވެ.
މަޖިލީހުގެ އިންތިހާބު ނިމިގެންދާއިރު ގިނަ ގޮނޑިތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހަކީ މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރެވެން އޮތް އެންމެ މުހިންމު ތަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމު ހަމަ މަގަށް އަޅުވަން އެބަޖެހޭ ކަމަށާއި އެކަން ކުރުމަށް މަޖިލީހުގައި ތިބެން ވާނީ އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޖަވާބު ދާރީ ކުރުވަން ކެރޭނެ މެންބަރުން ކަމަށެވެ. އެކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި ރަނގަޅު ވަރުގަދަ އަޒުމެއްގައި ކެރިގެން މަސައްކަތްކޮށް ސަރުކާރު ޖަވާބު ދާރީ ކުރުވަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވަޒީރުންނާ ސުވާލު ކުރެވެންޖެހޭނެ ކަމަށާއި، ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތްތަކުން ނަތީޖާ ނުނިކުންނަ ނަމަ، ދެން ކުރަންޖެހޭ ކަންކަން ވެސް މަޖިލީހުގެ ތެރެއިން ކުރެވޭނެ ހިތްވަރު މަޖިލިސް މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގައި ދާއިރާއެއް ތަމްސީލު ކުރާއިރު އެންމެ މުހިންމު ކަމެއް ދޭން ޖެހޭނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން މަސައްކަތް ކުރުމަށް ކަމަށެވެ.
މިކަލޭގެ މީ ލަދުހަޔާއްވެސް ކުޱަމީހެއް ގައުމު ލޫޓުވާހުސްކޮއްފަމުޅިދައުލައް ބަނގުރޫޓު ކޮއްލާފަ ޓީވީކުރިމައްޗައް އަރާ އަނގަގަޅަން.