ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް އަދަދެއް ކަނޑައަޅައި، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަންދެވޭނެ ހަރުދަނާ އިންތިޒާމުތަކެއް ތައާރަފުކޮށްފިއެވެ. މި އާ އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

މި ބަދަލާއެކު ބޭންކުން ވަނީ ސިއްހީ އަދި ތައުލީމީ ފަދަ އެންމެ ޒަރޫރީ ހިދުމަތްތަކަށް އެއްވެސް ލިމިޓެއް ނެތި ފައިސާ ދެއްކޭނެ މަގު ފަހިކޮށްދީފައެވެ. އަދި އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށާއި، ދަތުރުފަތުރާއި، އެންމެ ގިނައިން ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކަށް ވަކިވަކި ދުވަހު ލިމިޓްތަކެއް ކަނޑައަޅައި، ރާއްޖެއަށް އެތެރެކުރާ މުދަލާއި މުހިންމު ހިދުމަތްތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ލިބޭނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި މި ފިޔަވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40،000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ދުވާލަކު އެވްރެޖްކޮށް 20،000 އަށްވުރެ ގިނަ މުއާމަލާތް ކަސްޓަމަރުން ކުރަމުންދާތީ، ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ގައުމަށް އެންމެ ބޭނުންތެރި ޒަރޫރީ ހިދުމަތްތަކަށް ބުރޫނާރާނެހެން ކަންކަން ރޭވުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

މި އާ އިންތިޒާމުގެ ދަށުން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ހިދުމަތްތަކުގެ މުހިންމުކަމަށް ބަލައި ދާއިރާތަކަށް ފައިސާ ބަހާލެވިފައިވާ ގޮތް:

  • ސިއްހަތާއި ތައުލީމު: ސިއްހީ ފަރުވާއަށާއި ކިޔެވުމުގެ ޚަރަދުތަކަށް އެއްވެސް މާޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ހާއްސަ އިތުރު މިންވަރެއް (ބަފަރެއް) އަބަދުވެސް ދަމަހައްޓާނެއެވެ.
  • ދަތުރުފަތުރާއި ހޮޓެލް ބުކިން: އެއާލައިން ޓިކެޓާއި ހޮޓެލްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. މި ކެޓެގަރީގައި ކޮންމެ ކަސްޓަމަރަކަށްވެސް އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ޖާގަ ދިނުމުގެ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ.
  • އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް: ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބޭންކުން އާންމުކުރާ 150 ޕްލެޓްފޯމްގެ ލިސްޓަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ހާއްސަކޮށްފައެވެ.
  • ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ހިދުމަތްތައް: އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ.
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް: މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ.
  • އެހެނިހެން ހުރިހާ ވިޔަފާރިތަކެއް: މަތީގައި ހިމެނިފައިނުވާ ބޭރުގެ އޮންލައިން ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލް އިން ބަޔާންކޮށްފައިވާ ގޮތުގައި ވަކި ދާއިރާއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވި ނަމަވެސް، ކޮންމެ ދުވަހަކު ހެނދުނު 7:00 ގައި އެ ލިމިޓް އަލުން ރީސެޓްވާނެތީ ޖެހިގެން އަންނަ ދުވަހު ފަސޭހަކަމާއެކު މުއާމަލާތް ކުރެވޭނެއެވެ. އަދި ޑޮލަރު އެކައުންޓަށް ލިންކުކޮށްފައިވާ ކާޑުތަކުން އެއްވެސް ދަތިކަމެއް ނެތި މުއާމަލާތްތައް ކުރިއަށް ގެންދެވޭނެއެވެ.

ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، ކަސްޓަމަރުން މުއާމަލާތްކުރާ މިންވަރާއި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، މި ލިމިޓްތައް ދޭތެރެ ދޭތެރެއިން މުރާޖައާކޮށް އެންމެ އެކަށޭނަ ބަދަލުތައް ގެންނަމުންދާނެއެވެ.