ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ އާ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ކުންފުނި އުފައްދާފައި ވަނީ، ގާނޫނު ނަންބަރު 2023/7 (ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ނަންބަރު 2026/14 ރައީސުލްޖުމްހޫރިއްޔާގެ ގަރާރުންނެވެ.

މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދިއުމެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތް ވެސް މި ކުންފުނީގެ ދަށުން ކުރިއަށްދާނެއެވެ.

ހަމައެއާއެކު، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީވެސް މި ކުންފުނި އުފެއްދެވި މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.