ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ލޯގޯ އާއި ޝިއާރު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި މި ލޯގޯއާއި ޝިއާރު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ލޯގޯއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ނުވަތަ 9 ގަރުނު ފުރުމުގެ ތާރީހީ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ. މި މުނާސަބަތުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ރަސްމީ ޝިއާރަކީ "އިސްލާމީ ނޫރުގައި 9 ގަރުނު - ދިވެހީންގެ ނަސީބާއި އުފާ" މި ޝިއާރެވެ.
މި ތާރީހީ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން، މާލެ ސަރަހައްދާއި އަތޮޅުތަކަށް އަމާޒުކޮށް ގާތްގަނޑަކަށް 15 ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ފަރުމާކުރެވިފައިވާ ހަރަކާތްތަކެކެވެ.
އެގޮތުން ރާވާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި، ރާއްޖެ އިސްލާމްވި ތާރީހީ މުނާސަބާ ރަމްޒުކޮށްދޭ ދާއިމީ ހަނދާނެއްގެ ގޮތުގައި މާލެ ސަރަހައްދުގައި 900 އަހަރުގެ ހާއްސަ މޮނިއުމަންޓެއް ބިނާކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. އަދި ބައިނަލްއަގްވާމީ އިސްލާމީ ޓްރޭޑް ފެއާއަކާއި، ގައުމީ ގުރުއާން ކިޔެވުމުގެ ފެސްޓިވަލެއްގެ އިތުރުން ގައުމީ އިސްލާމީ އިލްމީ ސުވާލު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އިސްލާމީ ސޮލިޑާރިޓީ ގޭމްސްގެ ނަމުގައި ކުޅިވަރު ހަރަކާތްތަކާއި، އިސްލާމީ ކެލިގްރަފީ ފެސްޓިވަލަކާއި، އިސްލާމީ ތާރީހާއި ސަގާފަތް އާންމުންނަށް ފޯރުކޮށްދިނުމަށް އިސްލާމީ ފިލްމު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޒުވާނުންނަށް ދީނީ ތަރުބިއްޔަތާއި އިސްލާމީ ރިވެތި އަހްލާގު އުނގަންނައި ދިނުމަށް "ޒުވާނުންގެ އިސްލާމީ ތަރިކަ ކޭމްޕް" އެއް ކުރިއަށް ގެންދިއުން ވެސް މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު، ގަދީމީ އަތުލިޔުންތަކާއި ތާރީޚީ ތަރިކަ ދިރުވައި އާލާކުރުމަށް ރާއްޖޭގެ އިސްލާމީ ތާރީޚުގެ މިއުޒިއަމް ގެލެރީއެއް ޤާއިމުކުރުމާއި، އަތޮޅު ފެންވަރުގައި ދީނީ މަހާސިންތާތައް ބޭއްވުމުގެ އިތުރުން، އިމާރާތްކުރުމުގައި ދިވެހި އިސްލާމީ ފަރުމާތައް ބޭނުންކުރުމުގެ މުބާރާތެއްވެސް ކުރިއަށްދާނެއެވެ. އަދި ރާއްޖޭގެ ހިރިގަލު މިސްކިތްތަކުގެ ފަންނުވެރިކަން ދައްކުވައިދޭ "ދިވެހި އިސްލާމީ ބިނާތައް" މި ނަމުގައި މިސްކިތްތަކުގެ ފޮޓޯފޮތެއް ޝާއިއުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
