މިހާތަނަށް ބޭއްވުނު އެއްވެސް ރިޔާސީ އިންތިހާބެއް އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ކުރެވިފައިނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކޯލިޝަނަކާ ނުލައި އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ، އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް އެމްޑީޕީން އަބަދުވެސް މަރުހަބާ ކިޔަންޖެހޭނެ ކަމަށެވެ.

"ވަށައިގެން ތިބި މީހުން ހަމައެކަނި ކައިރިކޮށްގެން އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ. އެ ވޯޓުތައް ހޯދޭނީ ކޯލިޝަނުގެ ބައިވެރިން ގަބޫލުކުރާ ވިސްނުމަކާ އެ މީހުން ގެންގުޅޭނެ ކަމުގެ ޔަގީންކަން އޮތް ސިޔާސަތުތަކަކާ އެކީގައި،"ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އިތުރުން ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީންވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ މިހާރު އެމްޑީޕީގައި ތިބީ 60،000 އެއްހާ މެންބަރުންނެވެ. ނަމަވެސް، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އިތުރަށް 91،000 އެއްހާ ވޯޓު ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއެކު ސޮއިކުރި އެއްބަސްވުމުގައި މަގާމުތަކާއި ސަރުކާރު ހިންގާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން އެހެން ޕާޓީއަކަށް ދިން އެއްވެސް މަގާމެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީގައި މިވަގުތުވެސް ގާބިލު އެތައް ސިޔާސީ ލީޑަރުންނެއް ތިއްބެވިކަން ފާހަގަކުރައްވަމުން، ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރަން ބޭނުންވާ ގިނަ ކެންޑިޑޭޓުން ތިއްބެވިކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު، ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ގިނަ ބަޔަކު ވަނީ މި އިންތިހާބަކީ އެ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ވަރަށް މުހިއްމު އިންތިހާބެއްގެ ގޮތުގައި ސިފަކޮށްފައެވެ.