ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމަށާއި، މި ގައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެ ވެސް ސަލާމަތަކީ މި މަތިވެރި ދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި، އެންމެ ފުރަތަމަ ވެސް ވަނީ މި މަތިވެރި ނިއުމަތަށްޓަކައި މާތްﷲ ގެ ހަޟްރަތަށް ހަމްދާއި ޝުކުރު ދަންނަވާފައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ގަބޫލުކޮށްގެންނެވެ. އަދި ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުއާމަލާތުތަކުގައި ވެސް އިސްލާމީ ސަގާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެން ކަމަށާއި، އިސްލާމްދީނާއި މި ގައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲ ގެ މަގުގައި ދިވެހީން ޖިހާދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ހިޖުރީގޮތުން މި ވޭތުވި 9 ގަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަސްރަކާއި ކޮންމެ ތަމައްދުނަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ﷲ ގެ ރަހްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި މުބާރަކްބާދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ޑރ. މުއިއްޒު ވަނީ މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަތަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ވެސް ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ. ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ހިޔާރުކުރީ ހިޖުރައިން 548 ވަނަ އަހަރު، މަޣްރިބުކަރައިގެ އިލްމުވެރިއެއް ކަމުގައިވާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ދައުވަތަށެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދިވެހިރާއްޖެ ދެމިއޮތީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައެވެ.
