އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ އެމްބެސެޑަރު ޑރ. އަލީ ނަސީރު މުހައްމަދެވެ.

އަލީ ނަސީރު ވިދާޅުވީ ފެބްރުއަރީ 20 ވަނަ ދުވަހު ބޭއްވި އެސެމްބްލީގައި ހަމަލާތައް ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް އިޒްރޭލަށް "ލައިސަންސް" ދެވިފައި ވާކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިކަމުގެ ސަބަބުން ފަލަސްތީނުގެ އެތަކެއް ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ. މީގެެއިތުރުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ކާނޭ ތަކެތިވެސް އެމީހުންނަށް ނުލިބޭކަން ވަނީ ފާހަގަ ކޮށްފައެވެ. މިކަމާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް އަލީ ނަސީރު ވަނީ ސެކިއުރިޓީ ކައުންސިލަށް ގޮވާލައްވާފައެވެ. އެގޮތުން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާ އިރު، ފާއިތުވާ ކޮންމެ 24 ގަޑިއިރަކީ ގާޒާގެ ކުޑިބޮޑު އެތައް ބަޔަކު ޝަހިދުވެގެން ދާ ވަގުތެކެވެ. އިޒްރޭލުން ބޮން އަޅާ މިސައިލް ހަމަލާ ދިނުމުގައި ކުޑަކުއްޖެއް، ބޮޑެއް، އެހީގެ ގާފިލާއެއް ނުބަލައެވެ. އެގޮތުން އިއްޔެ ވެސް ވަނީ އދ ގެ އެހީގެ ޖަމްއިއްޔަ އަންރުވާގެ އެހީގެ ގާފިލާއެއްގައި ހިމެނޭ 16 ޓްރަކަކަށް ހަމަލާ ދީ އެ ޖަމާއަތުގެ އެތައް އޮފިޝަލުންނެއް މަރާލައި އެ ގާފިލާ ގާޒާއަށް ވަނަ ނުދީ ފަހަތަށް ޖައްސާފައެވެ.

އިޒްރޭލުގެ މިއުދުވާނާ ގުޅިގެން ގާޒާއަށް ކާބޯތަކެތި ލިބުން ހުއްޓި އާންމުން ބަނޑަށް މަރުވަމުން ދާ އިރު ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި 15 ކުޑަކުދިންނާއި އުމުރުން ދުވަސްވީ 5 މީހަކު ހައިހޫނު ކަމުގައި ވަނީ މަރުވެފައެވެ.

އާބާދީގެ 2 އަހަރުން ދަށުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކު މިވަގުތު ތަހަންމަލް ކުރަމުން ދާ ހައިހޫނު ކަމުގެ އިތުރުން އެ ކުދިން ހެދިބޮޑުވުމަށް ބޭނުންވާ ކާނާ ނުލިބި ފުރާނައާ ދަނީ ހަނގުރާމަ ކުރަމުންނެވެ.

ހަނގުރާމަ އަށް 5 މަސް ވެގެން ދިޔަ އިރު އިޒްރޭލުން ވަނީ 30،000 މީހުން ޝަހީދު ކޮށްލާފައެވެ.