މިއަހަރު ރަމަޟާން މަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގަޑިތައް އަންގާ އެޑިއުކޭޝަން މިިނިސްޓްރީން އިން ސްކޫލުތަކަށް ސާކިއުލާ ފޮނުވައިފިއެެވެ.

އެޑިއުކޭޝަނުން ފޮނުވި ސާކިއުލާގައި ވަނީ ސްކޫލުތަކުގެ ކިޔެވުން 8:30 ގައި ފެށުމަށްފަހު، މެންދުރު 15:00 ގެ ކުރިން ނިންމުމަށް އަންގާފައެވެ. ނީ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:00 އަކާއި ދެމެދު ފަށަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާއިރު މެންދުރު 15:00 ގެ ކުރިން ކިޔެވުން ނިންމުމަށް އަންގާފައިވެއެވެ.

މީގެއިތުރުން ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުން ހެނދުނު 8:30 ގައި ކިޔެވުން ފެށުމަށް އަންގާފައިވާއިރު އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ 1 ގަޑިއިރާއި 30 މިނެޓަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް 2 ގަޑިއިރާ 30 މިނެޓު އަދި ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ރޯދަ މަހު ކިޔަވައިދެވޭނީ 3 ގަޑިއިރަށް ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އިތުރަށް އެޑިއުކޭޝަނުން ވަނީ ރޯދަ މަހުގައި މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށާ އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު މަދުވެގެން 2 ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށްވަނީ އަންގާފައެވެ. އަދި މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމާ ޓީޗަރުންނާ ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ދަންފަޅިތައް ރާވާއިރު ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުމަށާ، ހަވީރު 4:00 އިން ރޭގަނޑު 9:00 އަކާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އަންގާފައެވެ. އަދި ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްތައް ރޭގަނޑު 9:00 އަކުން 10:30 އާއި ދެމެދު ރޭވުމަށް ވެސް ސާކިއުލާގައިވެއެވެ.