މުނިހޯމް ކެއާއިން ހުޅުމާލޭގައި ބިނާކުރި މިސްކިތް ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ.

އަމިއްލަ ހަރަދުގައި މިސްކިތް ބިނާކުރަން ބޭނުންވި ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަމުންދާ މިސްކިތްތައް ނިމޭއިރު ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މިހާރު މުނިހޯމް ކެއާއިން އަޅަމުންދާ 1500 މީހުންގެ ޖާގައިގެ މިސްކިތް މި ރޯދަ މަހަށް ހުޅުވިގެންދާނެ ކަމަށެވެ.

ޝަހީމް މިއަދު ވިދާޅުވީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ބިނާކުރެވޭ ދާއިމީ މި މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވިގެންދާނެ ކަމަށާއި އެއީ 1500 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެއް ކަމަށެވެ. އަދި އެއާއެކު ރޯދަ މަހަށް ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަމިއްލަ ހަރަދުގައި ޒިކުރާ މިސްކިތް 3 ބުރިއަށް ހަދަންށާއި އިތުރު ދެ ފަރާތަކުން ހުޅުމާލޭގައި ދެ މިސްކިތް އަޅަން ވަނީ ހަވާލުކޮށްފައެވެ.

ޒިކުރާ މިސްކިތް މިހާރު ވެސް ހުރި ބިމުގައި ތިން ބުރީގެ މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ އެސްޖޭ ކުންފުންޏާއެވެ. އޭގެ އިތުރުން އަމިއްލަ ހަރަދުގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތެއް އެޅުމުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަ ނީ އަލީމް ފައުންޑޭޝަން އަދި ލީސާ މޯލްޑިވްސް އާއެކުގައެވެ.

ޝަހީމް ވިދާޅުވީ ހުޅުމާލޭގައި ހަދާ ދެ މިސްކިތަކީ 2000 ނުވަތަ 3000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތްތައް ކަމަށާއި އެ މިސްކިތްތައް ހެދިގެންދާނީ އެކި މަރުހަލާތަކަށް ބެހިގެން ކަމަށެވެ. އަދި ޒިކުރާ މިސްކިތަކީ މާލޭގެ ވަރަށް މުހިއްމު މިސްކިތެއް ކަމަށާއި އެ މިސްކިތް ހުރިތަނަކީ މާލޭގެ ވަރަށް ބޮޑު އާބާދީއެއް ވަށައިގެން އޮތް ތަނެއް ކަމަށާއި ޒިކުރާ މިސްކިތް 3 ބުރިއަށް ހެދިގެން ދާކަމީ އެ ސަރަހައްދުގެ މީހުންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ހުޅުވި ފުރަތަމަ ދާއިމީ ކިސްކިތަކީ އަމީލް ޖަލީލް މިސްކިތެވެ.