ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫންއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާންއެވެ.

ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެވިފައި ވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ޗައިނާ އާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ. ޑިފެންސަށް ބޭނުންވާ ބައެއް ޑްރޯންތައް ހޯދުމަށް ތުރުކީއާއެކު ވެސް އެއްބަސްވުމަކަށް ގޮސްފައިވާއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމަށް އެމެރިކާއިން ފައިސާގެ އެހީއެއް ދިނުމަށް ވާހަކަ ދެކެވިފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.