ޕްރައިމަރީ ހެލްތު ކެއާ ނުވަތަ އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި މިއަދު މި ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ރައްޔިތުންނާއި ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ހިދުމަތެއްގެ ތެރެއިން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި މި ޕްރޮގްރާމް ފުވައްމުލަކު ސިޓީގައި މިއަދުން ފެށިގެން ކުރިއަށް ދާއިރު، މިދިޔަ އަހަރު ތެރޭގައި ފ.އަތޮޅުގައި ފެށި ޕައިލެޓް ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ މިއަހަރު ތެރޭގައި 10 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާ 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމަށް ފެށި މި ޕްރޮގްރާމުގައި އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާ މައުލޫމާތު ރިކޯޑް ކުރެވޭނެއެވެ. އަދި ސިއްހީ ހިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްހީ މައުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ލަފައާއި އިރުޝާދު ދިނުން ހިމެނެއެވެ.

ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، ބަލި އަވަހަށް ދެނެގަތުމަށް ފެށި މި އިބްތިދާއީ ސިއްހީ ނިޒާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާ ގާތުން ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.

މި އިބްތިދާއީ ސިއްހީ ނިޒާމް ދިރުވާ އާލާކުރުމަށް އަތޮޅުތަކަށް ދަތުރު ކުރައްވާ ޓީމުގައި ސިއްހީ ދާއިރާގެ ފަންނީ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ހިމެނެއެވެ.