ޗައިނާ ސަރުކާރުން ހަދިޔާކުރި 12 ގްރީން އެމްބިއުލާންސް ރާއްޖޭގެ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މިއަދު ހަވާލުކުރި އެމްބިއުލާންސް ތަކާއެކު، ކާރިސާ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭން ޖެހޭ ޞިއްޙީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމެއްް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް މި އެމްބިއުލާންސް ތަކުގެ ސަބަބުން ލިބިގެންދާނެއެެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ގްރީން އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާ ހާވާލުވެވަޑައިގެންނެވީ ހެލްތުގެ ސްޓޭޓް ހަދީޖާ އަބްދުއްސަމަދު އަބްދުﷲއެވެ.

ޗައިނާ އެމްބަސީގެ ފަރާތުން ރާއްޖެއަށް ގްރީން އެމްބިއުލެސް ހަދިޔާ ކުރުން

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ އެމްބަސީއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ހަދީޖާ ވަނީ ޗައިނާއަށް ޝުކުރު ދަންނަވާފައެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ޗައިނާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަ ކުރެއްވިއެވެ.

މިއަދު ރޯޝަނީ ބިލްޑިންގްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.