މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް ޕާކު ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅަން ނިންމާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް އަދި އިމަޖެންްސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ނުދުއްވުމަށާއި މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގައި ޕާކިން ޒޯނުތައް ފިޔަވައި އިތުރު ތަންތާ ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.
ފުލުހުން ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ގެންދާނެ ތަންތަން ބުނެފައެވެ. އެއީ:
- ގްރީން ޒޯން
- ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތައް
- މަގުތަކާއި ގޯޅި ތަކުގެ ކަންމަތި
- ސުކޫލުތައް ހިމެނޭ ސަރަހައްދު
- އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތައް
- ގަރާޖުތަކާއި އާންމު ގޭބީސީއަށް އުނދަގޫ ވާނެހެން ޕާކް ކުރާ އުޅަނދުތައް
- މިސްކިތްތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ތަންތަން ހިމެނެއެވެ.
ފުލުހުން ބުނީ މާޗު 7 ގެ ފަހުން ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު ދަތުރުފަތުރު ގާނޫނުގެ 7 ވަނަ މާއްދާ އަދި އެއްގަމު އުޅަނދު ޕާކު ކުރުމުގެ 14 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.