އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި 425 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3،121 އެވިޑެންސް ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 8،293 ރަބަރު ޕެކެޓު، 2،731 ސެލޯފިންކޮޅު، ފިލްމުހުސްކުރި 237 ދަޅު، 585 ބުލެޓު އަދި 30 ބިޑީގެ އިތުރުން 537 މަނާ ބޭސްގުޅަ ކަމަށް ފުލުހުން ބުނެއެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 3،045 އައިޓަމެއް ނައްތާލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިތަކެތީގެ މަގުމަތީ އަގަކީ 425.6 މިލިއަން ރުފިިޔާއަށް އަރާ ކަމަށެވެ. އެންމެ ގިނައިން ނައްތާލާފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއެވެ. އެގޮތުން ނައްތާލެވުނު ހެރޮއިންގެ އަގު 369 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި، ދާހިލި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހްސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.