މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާ ކައިރީގައި ހުރި އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ފައި ހަލާކުވެ، ދެ ދިވެއްސެއްގެ ހާލު ގޯސްވެ އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހާލު ގޯސްވެ ފަރުވާދެމުންދަނީ އުމުރުން ދުވަސްވީ ދެ ފަރާތަކަށެވެ. އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގައި ހުރި އަވަނެއް އޯވާ ހީޓްވުމުގެ ސަބަބުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން، 18:23 ހާއިރު އަލިފާން ކޮންޓްރޯލްކުރެވިފައި ވާ ކަމަށް ވަނީ ބުނެފައެވެ.

މަންޒަރުތައް ފެންނަ ގޮތުން އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައި ވާއިރު އެ ސަރަހައްދުގައި ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް އިންވެސް ހަރަކާތްތެރިވެފައިވާއިރު، މިހާރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.