ގދ، ގަމާއާ ދިމާއިން އޮޔާ ދަނިކޮށް 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ސަލާމަތްކޮށްފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މެރިން ޕޮލިސް ލޯންޗުގައި މިއަދު ހެނދުނު ފުވައްމުލަކުން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގދ. ގަމާ ދިމާއިން ކަނޑުމަތިން ޑައިވާއެއް ފެނިފައިވާ ކަމަށެވެ

އެ ޑައިވާ ފެނުނު ސަރަހައްދަށް ދިޔައިރު އިތުރު ދެ ޑައިވަރުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މެރިން ޕޮލިސްގެ ލޯންޗު ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް ވެސް އޮޔާދާ ކަމުގެ މައުލޫމާތު އެ މީހުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މެރިން ޕޮލިސް ލޯންޗަށް އެ ސަރަހައްދުން ރަޝިއާގެ 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ނަގާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނޭ ކަމަށެވެ.

މެރިން ޕޮލިސްގެ ލޯންޗުގައި އެމީހުން ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށާއި ހުރިހާ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހުން ޑައިވިންއަށް ދިޔަ ސަފާރީ ދޯނި، ގެނެސް އެ ދޯންޏާ އެމީހުން މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.