ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކެޓް ޝެލްޓާ އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހަދަން ނިންމާފައިވާ ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނުގެ މީޓިން ރޫމުގައި އޮންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި އަގު ހުށަހަޅުން މި މަހުގެ 7 ވަނަ ދުވަހުގެ 11:00 ގައި އޮންނާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މައުލޫމާތު ސާފު ކުރަން ނުދާ މީހުންގެ އިތުރުން ގަޑި ޖެހިގެން އަންދާސީ ހިސާބު ހުށަހަޅަން ދާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިއެވެ.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. މާލޭ ސަރަަހައްދުގައި ދިރިއުޅޭ ބުޅާތައް ބެލެހެއްޓުމަށް ވަގުތީ ފެސިލިޓީ ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. ވަގުތީ ޝެލްޓާ އެޅުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.