ގާޒާގެ ރަޝީދު ސްޓްރީޓުގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖަހާ 104 މީހަކު އިޒްރޭލުން ޝަހީދު ކޮށްލައިފިއެވެ.

މި ހާދިސާގެ މަންޒަރުތައް ސޯޝަލް މީޑިއާގެ ވައެއް ވަސީލަތްތަކުގައި އާންމު ކޮށްފައި ވާ އިރު, ކާބޯތަކެތި ހޯދަން ރަޝީދު ސްޓްރީޓުގެ ހަތަރު އަނގޮޅީގައި ގިނަ ބަޔަކު އެއްވެ ތިބި ވަތުރު އިޒްރޭލު ސިފައިން ބަޑިޖަހަން ފެށީއެވެ. އެއެއް މިއެއް ނުބަލައި ބަޑިޖަހަމުން ދިޔަ އިރު މިއީ ސީދާ ގަތުލުއާންމެއް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފުރަތަމަ ހަމަލާ ދިނީ ރޭ ފަތިހު 4:30 ހާ އިރުއެވެ. އެއާއެކު ވަށައިގެން ބަޑިޖަހަން ފެށީއެވެ.

މިހާދިސާގައި 104 މީހަކު ޝަހީދުވި އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 760 އަށް އަރާފައެވެ.

މިހަމާ ކުށްވެރި ކޮށް ދުނިޔޭގެ އެކިއެކި ލީޑަރުން ވާހަކަ ދައްކަވަމުން ގެންދަވާ އިރު, ބެލްޖިއަމްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވިދާޅުވީ, "ކިއު ހަދައިގެން ކާއެތިކޮޅު ހޯދަން ތިބި ބައެއްގެ ގަޔަށް ބަޑިޖަހާ މަރަނީ ކަމަށާއި އެއީ ބިރުވެރި މަންޒަރެއް" ކަމަށެވެ. އަދި މިއީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާ ކަޑައެޅިގެން ހިލާފު އަމަލެއް ކަމަށާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ކަނޑައަޅާފައިވާ މިންވަޑުތަކާވެސް މުޅިން ހިލާފު އަމަލެއް ކަމަށެވެ.

މި ހަމަލާ އާ ގުޅިގެން އެމެރިކާގެ ވައިޓްހައުސް އިން ބުނީ, ކާބޯތަކެތި ހޯދަން އެއްވެފައި ތިބި ބައެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަން ބަލަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.

"ގާޒާގައި ގޯސްވަމުންދާ އިންސާނީ އެހީގެ ހާލަތާއި ކުށެއް ނެތް އާންމުން މަރުވަމުން ދާ މައްސަލައިގައި ހިތާމަ ކުރަން, އެމީހުން އެއްވެ ތިބީ އެމީހުންގެ އާއިލާތަކަށް ކާއެތިކޮޅު ހޯދަން" ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިޒްރޭލުގެ މިއަލުގެ ސަބަބުން ހަމަލާތައް ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ހީނަރުކަން އައުމުގެ އިތުރުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތަށް ވެސް ހިޔަނި އެޅިގެން ދާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނަށް ބޭނުންވާ މަދަދާއި އެހީތެރިކަން ދޭ ގައުމަކީ އެމެރިކާ ކަމަށް ވާ އިރު, އެ ގައުމުން މިހެން ބުނެފައި ވީ ނަމަވެސް ދާދި ފަހުންވެސް ވަނީ 14 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށް އިތުރު ހަތިޔާއި އެހީތެރިކަން އިޒްރޭލަށް ދީފައެވެ.

އިޒްރޭލުން ގާޒާގައި ގަތުލުއާންމެއް ހިންގަމުން ގެންދާ އިރު, މިއީ މަޑުމަޑުން އިންސާނީ ނަސްލެއް ނައްތާލުން ކަމަށް ދުނިޔޭގެ އެކިއެކި ލީޑަރުން ދަނީ ބުނަމުންނެވެ. ނަމަވެސް އިޒްރޭލުން ބުނަމުން ދަނި މުޅިން ތަފާތު ވާހަކައެކެވެ.

އިޒްރޭލުގެ ކަނާއަތުފިޔައިގެ މިނިސްޓަރު ބެން ގަވީރު ބުނީ, ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދޮނުމަކީ އިޒްރޭލަށް އޮތް ނުރައްކަލެއް ކަމަށާއި ވަގުތުން އެކަންތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

"ގާޒާގައި އަހަރެމެންމެ މީހުން ރަހީނުންގެ ގޮތުގައި ތިބި އިރު ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަކީ މޮޔަކަމެއް, އަދި އެކަމުގެ ސަބަބުން އަހަރެމެންގެ ސިފައިންނަށް ނުރައްކާ ވޭ" އޭނާ ބުނެފައި ވެއެވެ.

އަދި 104 މީހަކު ޝަހީދު ކޮށްލި ހާދިސާއަށް އިޝާރާތް ކޮށް އޭނާ ބުނީ, އެހީގެ ތަކެތި ވަނަ ނުދީ ހުއްޓަން ޖެހޭ އެއް ސަބަބަކީވެސް އެހީ ކަމަށެވެ. އޭނާ އިޝަރާތް ކުރީ އެހީގެ ތަކެތި ހޯދަން ގިނަ އަދަދެއްގެ ބަޔަކު އެއްވާތީ އެކަމަށެވެ.

މި މައްސަލައިގައި އިޒްރޭލުގެ ސަރުކާރުންވެސް ވާހަކަ ދައްކާފައި ވެއެވެ. ބުނެފައި ވަނީ އެހާ ގިނަ ބަޔަކު މަރުވީ ޓްރަކް ދުއްވަން އިން މީހާ އާންމުންގެ ތެރެއަށް ޓްރަކުގައި ވަދެ ދުއްވުމުން ކަމަށެވެ.

"ކޮންމެވެސް ހިސާބަކުން އާންމުން ޓްރަކަށް އަރައިގަނެ ޓްރަކު ދުއްވަން ތިބީ ގާޒާގެ މީހުން, އެމީހުން އާންމުންގެ ތެރެއަށް ދުއްވީ" އިޒްރޭލު ސަރުކާރުގެ ތަރުޖަމާން އަވީ ހައިމަން ބުނެފައި ވެއެވެ.

އެ ޖަރީމާއަށް އެއްބަސް ވުމުގެ ބަދަލުގައި އޭނާ ބުނީ އެއީ "ހިތާމަވެރި ހާދިސާއެއް" ކަމަށާއި އަދި ފުރިހަމަ ތަފްސީލު ވެސް ނުލިބޭ ކަމަށެވެ.

މި މައްސަލައިގައި ފަލަސްތީނު ސަރުކާރުން ބުނީ, ފަލަސްތީނުގައި ހިންގާ އުދުވާނަކީ ހުޅަނގުން އިޒްރޭލަށް މަދަދު ދީގެން ހިންގާ އުދުވާނެއް ކަމަށެވެ. އަދި ކާބޯތަކެތި ހޯދަން އެއްވެ ތިބި ބަޔަކު މަރާލުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.