ފުރަތަމަ 100 ދުވަހުގެ ތެރޭ ސަރުކާރުން ނިންމުމަށް ކަނޑައެޅި ކަންކަމުގެ ތެރެއިން ގިނަ ކަންކަން ނުކުރެވޭ ކަމަށް ވިދާޅުވެ، އެ ކަންކަން ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ތެރޭ ސަރުކާރުން ކުރަން ބުނި ކަންތައްތަކުގެ ތެރެއިން 35 ޕަސެންޓު މަސައްކަތް ހާސިލްވިކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް، ހާސިލްވީ 24.3 ޕަސެންޓު މަސައްކަތް ކަމަށާއި 56 ޕަސެންޓު މަސައްކަތް ހާސިލްނުވާ ކަމަށާއި 18.9 ޕަސެންޓަކީ ދޮގު ކަމަށް، ބެލިބެލުމުން ހާމަވާ ކަމަށެވެ.

މީކާއީލް ވިދާޅުވީ، ސަރުކާރުން ވީ އެންމެ މުހިންމު އެއް ވައުދުކަމަށްވާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތާ ގުޅޭ ގޮތުން ރައީސް އޮފީހުން އެކަނި ބުނީ، މަތީ ފެންވަރުގެ ކޮމިޓީ ބައްދަލުވުމުގެ މަޝްވަރާތައް ފެށިފައިވާ ވާހަކަ ކަމަށާއި، އެއީ މި ވައުދު ފުއްދުން ކަމަށް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވާ މީހުން ކުލަ ހެދުމުގައި ތިބޭ ގޮތަށް ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ހާމަކުރުމުން، ހަތިޔާރު އެޅި ސިފައިން ނެތް ކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި މީކާއީލް އިތުރަށް ވިދާޅުވި ގޮތުގައި:

  • ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭ 100 އަށް ވުރެ ގިނަ އެއްބަސްވުން ހުރި ކަމަށް ތުހުމަތުކުރި ނަމަވެސް އެއްބަސްވުންތަކުގައި އެއްވެސް މާއްދާއެއް ހާމަނުކުރޭ
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް 'ވިއްކާލި' މައްސަލައިގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ބުނި ނަމަވެސް އެކަމުގެ މައުލޫމާތެއް ވެސް 100 ދުވަހުގެ ތެރޭ ހާމައެއްނުކުރޭ
  • މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓްކުރުމަށް ހާއްސަ އޭޖެންސީއެއް އުފައްދާނެ ކަމަށް ބުނި ނަމަވެސް ސައްހަ ކުންފުންޏެއް ނުއުފައްދާ
  • ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ރޭވި ނަމަވެސް، ކޮންޓްރެކްޓަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަސައްކަތް އޮތީ ހުއްޓިފައި

ހަމަ އެއާއެކު ވަޒީރުންގެ ކާރުތައް އާ ކުރުމާއި ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު އިތުރުކުރުމާއި، ގިނަ ބަޔަކަށް މަތީ ފެންވަރުގައި ސަރުކާރުން ވަޒީފާދިނުން ފަދަ ކަންކަން ވެސް ސަރުކާރުން ކުރަމުންދާ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް އިހްތިރާމްކުރުމުގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ނިންމުންތަކަށް ގޮންޖައްސަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން އެހުމުން، މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ. އެހެންކަމުން މި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.