އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ކާރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:15 ހާއިރު، މެދެއާރި މަގާ، ޝަރަފުއްދީން މަގު ގުޅޭ ކަންމަތީގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ މައުލޫމާތު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާ އެހެންނަމަވެސް އެކްސިޑެންޓުވި ދެ ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ދެމީހުން އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި އެކްސިޑެންޓުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެކްސިޑެންޓުގައި ފުރޮޅާލި ނޫކުލައިގެ ކާރުގެ ސްކްރީންވަނީ އެއްކޮށް ތަޅައިގެން ގޮސްފައެވެ. އަދި ހުދުކުލައިގެ ކާރުގެ ކުރީކޮޅުވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ.