ބޮޑުމިނުގައި 48 ހެކްޓަރު ހުންނަ، އާބާދީގައި 1400 އެއްހާ މީހުން ދިރިއުޅޭ ރ. އަތޮޅު މާކުރަތުގެ އާބާދީގެ ނިސްބަތަށް ބަލާއިރު އެ ރަށުގެ ގިނަ އަންހެނުންނަކީ ވަލުން ލިބޭ ތަކެތި ވިއްކާ، އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބައެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަޒީފާތައް އަދާކުރަމުން އަދި އަމިއްލަ އެހެން މަސައްކަތްތައް ކުރަމުންވެސް އެ ވެރިންނަކީ ފަންވިނުމާއި ރޯނުވެށުމާއި މިދިލި އޮށް ފަޅައިގެން ކަނަމަދު ވިއްކުން ފަދަ ކާބަފައިންގެ ފަރާތުން ވާރުތަވި، ގިނަ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ބައެކެވެ.
ވަލުން ލިބޭ ތަކެތި ހޯދުމަށް ދަންފޯރިމަރައިގެން ފަތިސްވުމުގެ ކުރިން ވަލަށް ވަތް ޒަމާން ވެސް މިހާރު އެ ރަށުގައި މާޒީވިތާ އަހަރުތަކެއްވެއްޖެއެވެ. އަޑުގަދަ މީހާ ރުއް ގިނަވާ ފަދައިން އަވަހަށް ވަލަށް ވަންނަ މީހަކު މިދިލި އޮށާއި ދަރު ފަދަ ތަކެތި ލިބޭ އުސޫލު ބަދަކޮށް ހޮނިހިރު ދުވަހުގެ ވަކި ވަގުތެއް ވަލަށް ވަނުމަށް އެ ރަށުގައި ކަނޑައެޅުނީ މީގެ 33 އަހަރު ކުރިންނެވެ.
1991 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތަކީ މުޅި ހަފްތާ އެ ރަށުގެ އަންހެންވެރިން ކުރަމުން އަންނަ އިންތިޒާރަށް ނިމުން ގެނެސްދޭ ދުވަހަށްވާއިރު މިއަދާ ހަމައަށްވެސް އެ ގަވާއިދު ވަނީ އެ ގޮތުގައި ހިފެހެއްޓިފައެވެ. އެ ކަމުގައި މިއަދުވެސް އެ ރަށުގެ އަންހެނުން ދައްކަމުން ދަނީ ހަމަ ނަމޫނާއެވެ. އަދި އެ ގަވާއިދާ އެއްވެސް މީހަކު މިހާތަނަށް ހިލާފުވެފައި ނުވާ ކަމަށާއި ހޮނިހިރު ދުވަހު ނޫނީ ގަހެއް ކައިރިއަށް ވެއްޓިފައި އޮންނަ މިދިލި އޮށެއްގައި މީހަކު އަތް ނުލާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ވަނީ ބުނެފައެވެ.
އެހެން ބައެއް ރަށްރަށާ ހިލާފަށް މާކުރަތުގެ ވަލަށް މިފަދައިން ގޮސް އުޅޭނީ ހަމަ އެކަނި އަންހެނުނެވެ.
ގަވާއިދު ހެދުނީ ކިހިނެތް؟
އަންހެނުންގެ ކޮމިޓީގައި 13 އަހަރު މަސައްކަތް ކޮށްފައިވާ އެ ރަށު އަމީނާ އިބްރާހިމް ބުނީ އެ ގަވާއިދު ހެދުނީ ވަކި ބަޔަކަށް މިދިލި އޮށް ލިބޭ މައްސަލާގައި ގިނަ ބައެއްގެ ޝަކުވާއާއެކު ކަމަށެވެ. އަދި އެ ގަވާއިދު ހެދުމުގެ ކުރިން މީހުން ވަލަށް ގޮސް އުޅެނީ ފަތިސްވުމުގެ ކުރިން ކަމަށް އަމީނާ ވަނީ ބުނެފައެވެ.
އޭރު ދުވަސް ނިމޭއިރު އެހެން ގޮސް އުޅޭ މީހަކަށް 20 ބަސްތާ މިދިލި އޮށްވެސް ލިބޭ ކަމަށާއި އެހެންނަމަވެސް ބައެއް މީހުންނަށް އެންމެ އޮށެއް އަތު ނުޖެހި ދާ ކަމަށް އަމީނާ ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ ޝަކުވާއާއެކު 1991 ގައި އެ ނިންމުން ނިންމީ އަލްމަރްހޫމް ޔޫސުފް މުހައްމަދުގެ ބޮޑު ކަތީބު ކަމުގައި އޭރުގެ އަންހެނުން ކޮމިޓީއިން ކަމަށް އަމީނާ ބުނެއެވެ.
ވަލަށް ވަދެވޭނީ ހަމައެކަނި ހޮނިހިރު ދުވަހު ހެނދުނު 8 އިން އެ ދުވަހުގެ އިރުއޮއްސުމުގެ ނިޔަލަށް ކަމަށް މީގެ 33 އަހަރު ކުރިން ގަވާއިދެއް ހެދިގެން ދިޔައިރު އޭރު 8 ޖެހުމުން ވަލަށް ވަންނަން އެނގުމަށްޓަކައި ފުމެނީ ސަންގެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ 8 ޖެހުމުގެ ކުރިން ވަލު ސަރަހައްދަށް ޖަމާވެފައި ތިބޭ އަންހެނުންތައް ފެށި، އެއީ ގަޑިއަށް ފަރުވާ ބަހައްޓާ، ނަމޫނާ އަންހެންވެރިންތަކެއްކަން ހެކިދެއެވެ.
އަމީނާ ބުނީ އެ ގަވާއިދު ހެދުނީންސުރެ މާކުރަތު މީހުން އެ ގަވާއިދާ ހިލާފެއް ނުވާ ކަމަށާއި އެންމެންވެސް އުޅެމުންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހަކާ ދިމާކޮށް ސްކޫލްގައި ކަމެއް ފާހަގަކުރާ ނަމަ އެ ހަފްތާގައި ހުކުރު ދުވަަހަކީ ވަލަށް ވަންނަ ދުވަހުގެ ގޮތުގައި ހަމަޖައްސާ އެކަން އާންމުންނަށް ކޮންމެވެސް ގޮތަކުން އަންގާ ކަމަށް އަމީނާ ވަނީ ބުނެފައެވެ.
އޭގެ ފަހުން 1994 ގެ ފަހުން އެ ރަށުގައި ވަނީ ކުކުޅު ގެންގުޅޭ މީހުން މަގުމައްޗަށް ކުކުޅު ދޫކޮށްލައިގެން މަގުތައް ނަޖިސްވާތީ މަގުމައްޗަށް ކުކުޅު ދޫކޮށްފައި ބެހެއްޓުން މަނާކުރުމާއި ވަލުން ރޯ ދަރު ކޮށުން އޭރުގެ އަންހެނުންގެ ކޮމިޓީއިން ވަނީ މަނާކޮށްފައެވެ. އެ ގަވާއިދުތަކާ އެއްގޮތަށް މިއަދުވެސް އެ ރަށުގެ މީހުން ދަނީ އަމަލުކުރަމުންނެވެ.
އަމީނާ ބުނީ އޭރުގައި ވަރަށް ގިނައިން އެކި ބޭނުންތަކަށް މީހުން ރޯ ދަރު ކޮށާ ކަމަށާއި އެ ޒަމާނަކީ ދަރުން ކެއްކި ޒަމާންކަމުން ގިނަ އަދަދެއްގެ ދަރު ބޭނުންވާ ކަމަށެވެ.
ދާދިފަހަކުން ވަލަށް ވަނުމުގެ ގަވާއިދަށް ކުޑަކުޑަ ބަދަލެއް އައިސްފައިވާއިރު އެއީ ވަލަށް ވަދެވޭ ގަޑިއަކީ ހެނދުނު 7:30 ގައި ކަމަށް ކަނޑައަޅުމެވެ. މިއަދާ ހަމައަށްވެސް އެ ރަށުގެ މީހަކު 7:30 ވުމަށް އެންމެ މިނެޓެއް އިންދާވެސް ވަލަށް ނުވަދެއެވެ.
މިދިއްޔަކީ ރަނގަޅު އާމްދަނީއެއް ލިބޭ އެއްޗަކަށްވާއިރު އެ ރަށުން ވަލަށްދާ މީހުން ބުނާ ގޮތުގައި 30 މިނެޓު ތެރޭގައި ގެންދާ ބާލިދީ ފުރި އެ ބާލިދީ ގަހެއް ނުވަތަ ރުކެއްގެ ބުޑަށް އޮއްސާލުމަށްފަހު އަނެއްކާވެސް ހޮވާ ކަމަށެވެ. އަދި ދުވަސް ނިމުމުން އެ ތަކެތި ގޯނި ގޯންޏަށް އަޅައިގެން ގެޔަށް ގެންދާއިރު އެހެން ރުކެއް ނުވަތަ ގަހެއް ކައިރީގައި ބަހައްޓާ އެންމެ އޮށެއް ވެސް މީހަކު ނުނަގާ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.
ހޮނިހިރު ދުވަހަކީ އެ ފަދައިން މަސައްކަތް ކުރާ އަންހެންވެރިންގެ އީދެއް ފަދަ ދުވަހަށްވާ ދުވަހަށްވާއިރު އެ ރަށުގައި މިހާރު އެ މަސައްކަތުގައި އުޅޭ ޒުވާނުން މަދުކަން ފާހަގަކުރެވެއެވެ.