އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެލާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނިންނެވި ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު، ފިއްލަދޫ އަބްދުﷲ ޝަރީފަށް ތާއީދު ކުރަން ނިންމަވައިފިއެވެ.
ޕީޕީއެމްގެ ފިކުރުގައި ހުންނެވި އިންފާޒަު ޕްރައިމަރީގައި ވާދަ ކުރުމަށް ނަން ހުށަހެޅުއްވުމަށް ފަހު، އެ ދާއިރާއަށް ޕްރައމަރީގައި ނިކުތް ކެލާ އާދަމް ފާޒިލަށް ތާއީދު ކުރުމަށް ފަހު ނަން އނބުރާ ނެގިއެވެ. އޭގެ ފަހުން އޭނާ އަމިއްލަ ގޮތުން އިންތިހާބަށް ނިކުތުމަށް ފޯމު ހުށަހަޅައި ކެންޑިޑޭޓުން ތަރުތީބު ކުރި ފަހުން މިހާރު ވަނީ ކުރިމަތިލެއްވުން ދޫކޮށްލައްވާފައެވެ.
އިންފާޒު ވިދާޅުވީ، "ފާއިތުވެ ދިޔަ 5 އަހަރު ގައުމުގެ ކަންކަން ބޮއްސުންލާ ގައުމުގޮސްފައިވާ ހާލަތު ބަދަލުކޮށް ގައުމު އަމާން ބަނދަރަކަށް ގެންނަން ކުރި އެންމެ ބޮޑު މަސައްކަތަކީ ދިވެހީންގެ މި އުންމީދީ ސަރުކާރު ގެނައުމެވެ. ދިވެހީންގެ އުމްމީދީ ވެރިކަން ދެމެހެއްޓުމަށް މި ފަހަރުގެ މަޖިލިސް ސަރުކާރަށް ކާމިޔާބުވުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ. އެހެންކަމުން އަޅުގަނޑު މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން، ވޯޓުތައް ބެހި ކެލާދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުން ގާތްކަމަކަށް ވާތީ، އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ނުދެކެމެވެ. މިދިޔަ ފަސް އަހަރު ކަންތައްތައް ހިނގައި ދިޔަ ގޮތް އަޅުގަނޑުމެން ލޮލަށް ފެނިގެން ގޮސްފިއެވެ. އެދުވަސްތައް ތަކުރާރުވުމަށް ނޭދޭތީ، އަދި ރައްޔިތުންނަށާއި ގައުމަށް އަބަދުވެސް ހެޔޮ ގޮތް ވުމަށް އެދޭތީ، މި އަހަރު އޮންނަ ރައްޔިތުންގެ މަޖަލިސް އިންތިހާބުގައި ސަރުކާރު ކެނޑިޑޭޓް އަބްދުﷲ ޝަރީފް އަށް ތާއީދު ކުރަން އަޅުގަނޑު ނިންމައިފީމެވެ."
އެއާއެކު އޭނާ ވަނީ، އޭނާއަށް ތާއީދުކުރާ ހުރިހާ ރައްޔިތުން ވެސް ކެލާ ދާއިރާގެ ސަރުކާރު ކެނޑިޑޭޓް އަބްދުﷲ ޝަރީފް އަށް ވޯޓު ދިނުމަށް އެދިފައެވެ.
ކެލާ ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ފިއްލަދޫ ޝަރީފު (އަބްދުﷲ ޝަރީފު) ނިކުންނަ އިރު، އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ ބޭފުޅެއް ކަމަށް ވާ ވަށަފަރު އަހުމަދު ޣާލިބެވެ. ޣާލިބަކީ މި ސަރުކާރުގެ މިނިސްޓަރުން ކަމަށް ވާ އަލީ އާރިފާއި އިގްބާލް އާދަމްގެ ކޮއްކޮއެވެ.