ވިލިމާލެ ކައިރިން ކަނޑުމަތީ ހިނގި ލޯންޗް އެކްސިޑެންޓެއްގައި ދިވެހި ދެ ފިރިހެނުންނަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 7:48 ގައި ކަމަށެވެ. ވިލިމާލެ ވޯޓާ ސްޕޯޓްސް ސަރަހައްދާ ދިމާލުން ކަނޑުގައި ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވީ ދިވެހި ދެ ފިރިހެނުންނަށް ކަމަށާއި އެމީހުންނަށް މިހާރު ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު މެރިން ޕޮލިސް ހަރަކާތްތެރިވަމުންދާ އިރު، މި މައްސަލަ އަދި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.