ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ގދ. ގައްދު އަށް ކުރެއްވި ދަތުރުފުޅުގެ އިންތިޒާމުތައް ފުރިހަމަކުރުމުގައި ރައީސް އޮފީހުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުން އެކަށީގެންވާ ވަރަށް އެއްބާރުލުން ނުދިން ކަމަށް، އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގައްދު އަށް ވަޑައިގަންނަވައި، އެ ރަށު ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ އެއްބާރުލުން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް ނެރުނު ބަޔާނުގައި ގައްދޫ ކައުންސިލް އިދާރާ އިން ބުނީ، ރައީސް ވަޑައިގަތުމުގެ ފަސް ދުވަސް ކުރިން ރައީސް އޮފީހުން ކައުންސިލަށް އެކަން އަންގާފައިވާ ކަމަށާއި، އެހެންވެ ކައުންސިލާއި އެ ރަށުގައި ހިންގާ ސަރުކާރުގެ އިދާރާތަކުން އެ ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުރިހަމަކަމާއެކު ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް ރައީސް އޮފީހާއި ގައްދޫގައި ހިންގާ ސަރުކާރު އިދާރާތަކުންނާއި ކުންފުނިތައް ނިސްބަތްވާ އޮފީސްތަކުން އެންމެ ބޭނުންވާ މިންވަރަށް އެއްބާރުލުން ނުލިބޭ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ބަޔާނުގައި ކައުންސިލުން އިތުރަށް ބުނީ، ގައްދޫގައި ބޭއްވި ޖަލްސާގައި ކައުންސިލް ރައީސް މުހައްމަދު އަހްމަދު ވާހަކަ ދައްކަވަން ހަމަޖެހިފައި އޮއްވާ ވަކި ގޮތަކަށް ވާހަކަ ދެއްކެވުމަށް ބައެއް ވަޒީރުން އެންގެވި ކަމަށާއި، އެކަމަކު ކައުންސިލުން އެފަދައިން ކަންކުރަން ބޭނުންނުވާ ކަމަށެވެ.

ހަމަ އެހެންމެ، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ވަކި ސިޔާސީ މަގްސަދެއް ކުރިއަރުވަން ބޭނުންފުޅުވި ދަތުރަކަށް ރައީސްގެ ދަތުރުފުޅު ބަދަލުކޮށްލާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ގައްދޫ ކައުންސިލު އިދާރާއަކީ އެ ބޭފުޅުންނަށް ރައްކާތެރި ތަނެއް ނޫން ކަމަށް ވިދާޅުވެ، ކައުންސިލު އިދާރާގައި ކައުންސިލަރުންނާ އެކު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން އެހެން ތަނަކަށް ބަދަލުކުރައްވައި، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ގައްދޫ ކައުންސިލުން ބުންޏެވެ.

ރައީސަށް މަރުހަބާ ދަންނަވައި، ޖަލްސާގައި ކައުންސިލަރުން ބައިވެރިވުމާއި ނުވުމަކީ އިޚްތިޔާރެއް ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލުގެ ގަދަރު ކުޑަވެގެން ނުދާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ގައްދޫ ކައުންސިލުން ވަނީ، ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް، ގައްދު އަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ގައްދު އަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް ގިނަ ކައުންސިލުތަކާ ބައްދަލުކުރެވިއްޖެ ކަމަށާއި، ނަމަވެސް ގައްދޫ ކައުންސިލްގެ އެއްބާރުލުން ނުލިބުނު ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރަައީސް ވިދާޅުވީ، އެމްޑީޕީ އަކީ މިއަދާ ހަމައަށް އައިއިރުގައި ސިޔާސީގޮތުން ހިޔާލު ތަފާތު ޕާޓީއެއް ކަމަށާއި، ނަމަވެސް ކައުންސިލުތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން ވެސް ފުރިހަމަ އަށް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތިނަދު އާއި ފުވައްމުލަކާއި އައްޑޫގެ މޭޔަރުން ބައިވެރިވެވަޑައިގެންނެވި ކަން ރައީސް ފާހަގަކުރެއްވިއެވެ.