ގދ. އަތޮޅު މަދުރަސާގައި ކިޔަވައިދޭ މުދައްރިސަކަށް ދަރިވަރަކު އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް މިއަދު 11:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

މި މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާކަން ހާމަ ކުރި ނަމަވެސް އެ ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ޓީޗަރަށް ދަރިވަރު ހަމަލާދީފައި ވަނީ ކޮމްޕިއުޓާ ލެބްގައި ގޭމް ކުޅެން އިންދާ އެކަން އެގޮތަށް ނުކުރަން އެދުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން އެކަން ކަށަވަރު ކޮށްދީފައި ނުވެއެވެ. ފުލުހުން ވެސް ބުނީ، އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.