ޕެނަޑޯލްގެ ކޮލިޓީ ކަށަވަރުކޮށް، ޕެނަޑޯލް ވިއްކުމާ، ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭގެ ތަހުލީލު ނިމެންދެން ބޭސް ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން މިދިޔަ މަހުގެ 22 ވަނަ ދުވަހު އަންގާފައި ވަނީ ޕެނަޑޯލްގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައި ވާކަން ފާހަގަ ކުރެވުމުންނެވެ.

ޕެނަޑޯލް 500 މިލިގްރާމް ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަވުމުން، އެމްއެފްޑީއޭގެ ފަރާތުން އެކަން އިތުރަށް ބެލުމުގެ ގޮތުން ކުރި ލެބޯޓްރީ ތަހުލީލުތަކުގެ ނަތީޖާތައް ލިބިފައިވާކަން ފާހަގަކޮށް އެ އޮތޯރިޓީއިން ބުނީ ތަހުލީލި ރިޕޯޓްތަކުން ދައްކާ ގޮތުން "ޕެނަޑޯލް" ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންޓް ހުރިކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެ ބޭހުން ފާހަގަވި މައްސަލަ ދިމާވެފައި ވަނީ ބޭސް އުފުލާ ގެންގުޅުމާ، ގުދަން ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުންކަން އެމްއެފްޑީއޭއިން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ފާހަގަ ކުރެވުނު ބެޗު މިހާރު މާކެޓުގައި ނެތްކަން ކަށަވަރުވެފައިވާ ކަމަށް ވެސް އެ އޮތޯރިޓީއން ބުނެއެވެ.

އެމްއެމްޑީއޭއިން އިތުރަށް ބުނީ މިއަދުން ފެށިގެން މި ބޭސް (ޕެނަޑޯލް) ވިއްކުމާ، ބޭނުން ކުރުމުގެ ހުއްދަ ކުރިއެކޭ ވެސް އެއްގޮތަށް ދީފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް އިތުރަށް ތަކުރާރު ވިޔަނުދިނުދީ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، އެމްއެފްޑީއޭގެ ފަރާތުން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާ ކަމަށެއެވެ.