ނަފްސާނީ އަދި އިޖުތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ހެލްޕްލައިނެއް އިފްތިތާހުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހެލްޕްލައިން އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އަބުދުﷲ ރާފިއުއެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ހެލްޕްލައިންގެ ނަންބަރަކީ 1677 އެވެ. އަދި މިތަނުން 24 ގަޑީރު ހިދުމަތް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ހެލްޕްލައިންގެ މަގުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ގޮތުން އުންދަގޫ ހާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ހެލްޕްލައިނެއްކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ވަނީ ނަފްސާނީ ފުރަތަމަ އެހީއާއި، އެފަދަ މައްސަލަ ހައްލުކުރުމުގައި ރެފަރަލް ހަދައިދެވޭނެކަމަށެވެ.

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ހެލްޕްލައިނެއް އިފްތިތާހުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ވައުދެކެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވުމަކީ މުޖުތަމައު ބިނާ ކުރަން މުހިންމު ކަމަކަށް ވާއިރު، ދިމާވާ ހިތްދަތި ކަންކަމުގައި އެކަށީގެންވާ އެހީ ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އަމިއްލަ ފުރާނައަށް ގެއްލުން ދިނުމުގެ އިތުރުން އަމިއްލައަށް ފުރާނަވެސް ދުއްވާލާފައެވެ.