ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން 30،000 އަކަ ފޫޓުގެ ބިމެއް ދިނުމަށް ހަމަޖައްސައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިމިދިޔަ މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކުރަން ތިލަފުށިން ވަކި ބިމެއް ކަނޑައަޅައި، ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.

މިބިން ސަރުކާރުން ހަމަޖައްސައިދީފައިވަނީ ތިލަފުށީ އެތެރެފަޅުން ހިއްކާފައިވާ ސަރަހައްދު ކަމުގައިވާ ތިލަފުށީގެ އޭރިއާ އީ އިންނެވެ. ތިލަފުށީގެ އޭރިއާ އީ ހިއްކާފައިވަނީ އެޗްޑީސީއިން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެންނެވެ.

މީގެކުރިންވެސް ރައީސް ވަނީ ވިލިމާލޭގެ ތެރޭގައި ފައިބަރު މަސައްކަތް ކުރުމުގެ ސަބަބުން އެ މަސައްކަތް ކުރާ މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ސިއްހަތަށްވެސް ގެއްލުންވާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެއިތުރުން ރައީސް މުއިއްޒު މާލޭ މޭޔަރުކަމުގައި ހުންނެވި އިރު، ވިލިމާލޭގައި ހުރި ފައިބަރު އުޅަނދު ބަންނަ ސަރަހައްދު، އެ ރަށުގެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން އެރަށު ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުވެސް ކޮށްފައެވެ.

މިކަމުގެ ސަބަބުން އޭރު ރައީސް މުއިއްޒު ވަނީ ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ވިލިމާލެ ވެމްކޯ ސަރަހައްދުގައި ހަރުގެއެއް އެޅުމަށް ނިންމަވާފައެވެ.